އިންސާނާގެ ނަފްސާނީ ދުޅަހެޔޮ ކަމަކީ އިންސާނެއްގެ ސިއްޙަތުގައި ވަރަށްވެސް މުހިއްމު ބައެކެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމުގައި އެއްމެ ބޮޑު ދައުރެއް އަދާކުރަނީ ނަފްސާނީ ގޮތުން އިންސާނާއަށް ހަމަޖެހުން ގެނުވާ އުފާވެރިކަމުގެ ހޯމޯނުތަކެވެ. މިއީ އިންސާނާގެ ސިކުނޑިން އުފައްދާ، ހަށިގަނޑުގެ ތެރެއަށް ދޫކޮށްލާ ހޯމޯނުތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ އުފާވެރިކަމުގެ ހޯމޯނުތައް އުފައްދައިދޭ ބައެއް ކަންކަމަށެވެ.

ނަފްސާނީ ހާސްކަމަކާއި ނުތަނަވަސްކަމަކުން ދުރުވުމަށް އުފާވެރިކަމާ ހިތްހަމަ ޖެހުން ވަރަށްވެސް މުހިއްމެވެ. އެގޮތުން އެ އުފާވެރިކަން ހޯދުމަށް ކޮންމެ ދުވަހަކުވެސް ގެއިން ބޭރަށް ނުކުމެލާ ހަދަންވާނެއެވެ. ހެލިފެލިވެ އުޅިލަން ވާނެއެވެ. ވާނަމަ ކަސްރަތެެއްވެސް ކޮށްލުން ވަރަށް މުހިއްމެވެ. ގުދުރަތްތެރިކަމުގެ ރީތި ހިތްގައިމު މާހައުލު ތަކަށް ނުކުމެލާ ހެލިފެލިވެ އުޅުމަކީ އިންސާނާގެ ނަފްސަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާނޭ ކަމެކެވެ.

ކެއުމަކީ ހަމަ ކޮންމެ މީހަކުވެސް ގަޔާވާނެ ކަމެކެވެ. ތިމަންނާ އަކީ އެހާ ކާ މީހެއް ނޫން ކަމަށާ ކާހިތް އަމުދުން ނުވާ ކަމަށް ބުނި ނަމަވެސް އެ މީހަކަށް މީރު އެއްޗެއް ފެނުމުން، އެ ކާ ހިތްވާނެއެވެ. އެ ކެއުމަށް ހިތުގައި އެދުންވެރިކަމެއް އުފެދޭނެއެވެ. އެހެންކަމުން ހަމަ ޖެހޭ އުފާވެރިކަމެއް ހޯދުމަށް، ތިމާ ކާ ހިތްވާ މީރު އެއްޗެއް، ކާލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެހެނީ އޭގެ ސަބަބުން ހަށިގަނޑުގައި އުފާވެރިކަމުގެ ހޯމޯނުތައް ގިނަވާނެތީއެވެ.

ކޮންމެ މީހަކީވެސް ވަކި މަސައްކަތްތަކެއް ކުރުމަށް ޝައުގުވެރިކަން ހުންނާނެ މީހެކެވެ. އެއީ ފަހަރުގައި އެމީހަކު އާދަވެ ކުރާ މަސައްކަތް ކަމުގައި ނުވެދާނެއެވެ. އުފާވެރިކަން ނަފުސަށް އިހުސާސް ކޮށްލުމަށް، ތިމާ ޝައުގުވެރިވާ ކޮންމެވެސް މަސައްކަތެއް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަހަރެމެން ދިވެހިންގެ ވައްޓަފާޅީގައި މަހަށް ދިއުމާއި މޫދަށް އެރިލާ ފީނާލުމަކީ ގިނަ ބަޔަކަށް އުފާވެރިކަން އިހުސާސް ކުރުވާ ކަންކަން ކަމުގައި އޮންނަނީ ވެފައެވެ.

ލޯބިވާ މީހުންނާއި އެކީ ވަގުތުކޮޅެއް ހޭދަ ކޮށްލުމާއި އެމީހުންގެ އޯގާތެރިކަމާއި އެކު ފިރުމާލާ ފިރުމުން ތަކުންނާއި ބައްދާލާ ބައްދާލުން ތަކުގައިވެސް ވަނީ އުފާވެރިކަމެވެ. ގިނަފަހަރަށް މި މީސް މީހުންނަކީ އާއިލާ މީހުންނެވެ. މައިންބަފައިންނާއި އަނބިދަރިންނެވެ. މިއަދު އާއިލާ އާއި އެކު ވަގުތު ހޭދަކޮށްލެވޭ މީހަކު މަދުވާނެއެވެ. އެހެންކަމުން އުފާވެރިކަމާއި ނަފްސާނީ ހަމަޖެހުމަށް ލޯބިވާ މީހުންނާއި އެކީ ވަގުތު ހޭދަކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ކުޅިވަރަކީވެސް އިންސާނާގެ ނަފްސަށް ހަމަޖެހުން ގެނުވާ ކަމަކެވެ. އެކި މީހުން ޝައުގުވެރިވާނީ އެކި ކަހަލަ ކުޅިވަރު ތަކުގައެެވެ. ޖިސްމާނީ ގޮތުން ހެލިފެލިވެ ވާ ކުޅިވަރުތަކާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުޅެވޭ ސުމޭކު ގޭމުތަކެވެ. މިއިން ކޮންމެ ވައްތަރެއްގެ ވިޔަސް ކުޅިވަރަކުން ހަމަޖެހުން ލިބޭނަމަ، ނަފްސާނީ ބުރަކަމަށް ލުއިކަމެއް ހޯދުމަށް ކުޅިވަރު ކުޅުމަކީވެސް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން އަދިވެސް ކިތައްމެ ކަމެއް ކުރެވިދާނެއެވެ. މިއީ ބައެއް އާދައިގެ ކަންކަމެވެ. ފަސޭހައިން އަހަރެމެންނަށް ކުރެވިދާނެ "ސިމްޕަލް" ކަންކަމެވެ. މިހާ ފަސޭހައިން އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވާގިވެރި ވެވެން އޮތް އިރު، އަހަރެމެންނީ ނަފްސާނީ ގޮތުން ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ.