ކުރިއަށް އޮތް އިންޑިއަން ވެލްސް އާއި މިއާމީގައި ކުރިއަށްދާ މާސްޓާސް 1000 އިވެންޓުން ރަފައެލް ނަޑާލް ވަނީ އަނިޔާގެ ސަބަބުން ވަކިވެއްޖެއެވެ.
ނަޑާލް، 36، މިދިޔަ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުގައި ބަލިވި ފަހުން އެހެން މުބާރާތެއްގައި ވާދަކޮށްފައެއްނުވެއެވެ.
22 ފަހަރު ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ނަޑާލްގެ އުނަގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއަންނަން ހަ ހަފްތާ އާއި އަށް ހަފްތާ ނަގާނެ ކަމަށް ބެލެވުނެވެ.
އޭނާ އަށް އަނިޔާވީ އެންމެފަހުގެ އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުގައި އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ނަޑާލް ވަނީ އެ މެޗުގައި ވެސް މެޑިކަލް ޓައިމްއައުޓް ނަގައިގެން އެކި ފަހަރުމަތިން ފަރުވާ ހޯދައިގެން ކުޅުން ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްފައެވެ.
"އަހަރެމެން އެދެނީ ރަފާ އަށް ލިބިފައިވާ އަނިޔާ އަށް އަވަސް ޝިފާއެއް. އަދި އުންމީދު ކުރަނީ އަންނަ އަހަރު އޭނާ އަލުން ފެންނާނެ ކަމަށް،" އިންޑިއަން ވެލްސްގެ ޑައިރެކްޓަރު ޓޮމީ ހާސް ބުންޏެވެ.
އަންނަ ހަފްތާގައި ކެލިފޯނިއާ އިވެންޓް ފެށުމަށް ހަމަޖެހިފައިވާއިރު މީގެކުރީން ނަޑާލް ވަނީ 2007، 2009 އަދި 2013 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައި ނަޑާލް ބަލިވީ އެމެރިކާގެ ޓޭލާ ފްރިޓްޒް އަތުންނެވެ.
މިހާރު ލިބިފައިވާ އަނިޔާގެ ސަބަބުން އަދި ތިން ހަފްތާ ފަހުން އޮތް މިއާމީ އޯޕަން ވެސް ނަޑާލް އަށް ނުކުޅެވޭނެ އެވެ.
ނަޑާލްގެ ދެން އޮތް ޓާގެޓަކީ މޮންޓެ ކާލޯ މާސްޓާސް އަށް ވުން އެކަށީގެންވެއެވެ. މީގެކުރީން އޭނާ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން 11 ފަހަރު ހޯދާފައިވެއެވެ.
"ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ރިހެބް، ޖިމް އަދި ފިޒިއޮތެރަޕީ ފަށައިގެން ކުރިއަށް މިގެންދަނީ. މިހާރު މިދަނީ އެންމެ ރަނގަޅު ހާލަތުގައި އެނބުރި އައުމަށް ތައްޔާރުވަމުން،" ނަޑާލް ކުރި ޓުވީޓެއްގައިވެއެވެ.
ނަޑާލް އިތުރަށްބުނީ، އިންޑިއަން ވެލްސް އާއި މިއާމީ މުބާރާތުގައި ނުކުޅެވޭތީވެ ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، ހާއްސަކޮށް އެމެރިކާގައި ތިބި އޭނާގެ ސަޕޯޓަރުން މަތިން ވަރަށް މިސްވާނެ ކަމަށެވެ. އަދި އުއްމީދަކީ ވީ އެންމެ އަވަހަކަށް ސަޕޯޓަރުންގެ ކުރިމައްޗަށް ނިކުމެވޭ ވަރުވުން ކަމަށެވެ.
