މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ހދ. ނައިވާދޫ އާއި ހދ. ނޭކުރެންދޫ އަދި ށ. ފޯކައިދޫން ޒޯން އެކެއްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޒޯން އެކެއްގައި ރޭ ކުޅުނު މެޗުތަކަށް ކުރިމަތިލިއިރު ސެމީން ޖާގަ ހޯދާފައި އޮތީ ހަމައެކަނި ށ. ކަނޑިތީމުންނެވެ. އެ ޒޯންގެ ފުރަތަމަ ސެމީގައި ކަނޑިތީމުން ނޭކުރެންދޫއާ ދެކޮޅަށް ނިކުންނައިރު އަނެއް ސެމީގައި ނައިވާދޫން ނިކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.
ރޭ ހއ. އަތޮޅުގެ ޗެމްޕިއަން އުތީމުން ވަނީ 1-1 އިން ހދ. އަތޮޅުގެ ޗެމްޕިއަން ނައިވާދޫއާ އެއްވަރުކޮށްފައެވެ. މި ޒޯނުގެ އަނެއް މެޗުގައި ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދޫން ވަނީ 4-3 ގެ ނަތީޖާއަކުން ހއ. އަތޮޅުގެ ރަނަރަޕް ފިއްލަދޫ ބަލިކޮށްފައެވެ.
ރޭގެ ކުޅުނު މެޗަށް ނިކުތްއިރު އުތީމަށް ޒޯން ބުރުގެ ސެމީ އަށް ދެވެން އޮތީ ތިން ލަނޑުގެ ތަފާތަކުން ނައިވާދޫ ބަލިކޮށްގެންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އުތީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. ނައިވާދޫ އަށް އެއްވަރުކޮށްދިނީ އަބްދުﷲ ވިސާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުތީމުގެ އައިހަމް އެވެ.
ފޯކައިދޫން ފިއްލަދޫ ކޮޅަށް ޖެހި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި މުހައްމަދު ރިސްވާން (ފުކޭ) ދެ ލަނޑުޖެހިއެވެ. އަނެއް ދެ ލަނޑުޖެހީ އިބްރާހިމް މުޝީރު އާއި އަހުމަދު ޝަމާލް އެވެ. ފިއްލަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ އާދަމް އަބްދުއްރަހީމް އެވެ. އަނެއް ލަނޑުޖަހައިދިނީ މުހައްމަދު ހުސާމް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޒޯން ހައެއްގައި ގދ. ވާދޫ އާއި ލ. ގަމުގެ އިތުރުން މާލޭ ޒޯންގައި ހިމެނޭ މާފަންނު އަދި ވިލިމާލެ އިން ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.
ޒޯން ހައެއްގައި ރޭ ވާދޫން 4-0 ގެ ނަތީޖާއަކުން ގއ. ނިލަންދޫ ބަލިކުރިއެވެ. މި މެޗުގައި ވާދޫގެ ކެޕްޓަން އަޔާޒު އަހުމަދު (އަޔާ) ދެ ލަނޑުޖެހިއިރު، އަނެއް ދެ ލަނޑުޖެހީ އިބްރާހިމް ޝައުފް އަހުމަދު އާއި މުހައްމަދު ނާއިލް އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ ކެޕްޓަން އަޔާ އެވެ. ގަމުން ވަނީ 3-1 އިން ގއ. މާމެންދޫ އަތުން މޮޅުވެފައެވެ. މި މެޗުގައި ގަމަށް ދެ ލަނޑުޖަހައިދިން އަހުމަދު ހަލީމް (އައްމަޑޭ) އަށް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނުއިރު، އެ ޓީމުގެ އަނެއް ލަނޑުޖެހީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. މާމެންދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ނަޒީފް ޝަރީފް އެވެ.
މާފަންނުން ރޭގެ މެޗުގައި 7-3 އިން ހުޅުމާލެ ބަލިކުރިއިރު، އެ ޓީމުގެ ހުސެއިން ސުހައިލް (ސޮކޭ) ހަތަރު ލަނޑުޖެހިއެވެ. މާފަންނުގެ އަނެއް ލަނޑުތައް ޖެހީ ހުސެއިން އަފްސަލް ދެ ގޯލާއި، މުހައްމަދު ޔަފާއު (ޔާ) އެއް ގޯލެވެ. ހުޅުމާލޭގެ ތިން ލަނޑުވެސް ޖެހީ މުސްތަފާ އެވެ. އޭގެތެރެއިން ދެ ލަނޑުޖެހީ ހިލޭޖެހުމުންނެވެ.
ވިލިމާލެ އިން ވަނީ 8-4 ގެ ނަތީޖާއަކުން މައްޗަންގޯޅި އަތުން މޮޅުވެފައެވެ. މި މެޗުގައި ވިލިމާލޭގެ އިސްމާއިލް ވަޖީހު (ވައްޖެ) ހެޓްރިކް ހެދިއިރު، އަބްދުﷲ ޝައްފާން (ޝާކާ) އާއި ހަސަން އިބްރާހިމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ގޯލް ކާމިޔާބުކުރީ ކެޕްޓަން އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މައްޗަންގޯޅީގެ ލަނޑުތައް ޖެހީ ހުސެއިން ސަވީލް، އިސްމާއިލް ޒާން އާމިރު އާއި ހުސެއިން ޝާވިން އަދި ރިލްވާން ވަހީދު (ރިލޭ) އެވެ.
