މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ކ. ގާފަރާއި، އދ. މާމިގިލިން ޒޯން ބުރުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމުން ވެސް ޒޯން ފައިނަލުން ޖާގަ ހޯދީ ބާކީ އެއް މެޗު އޮއްވައެވެ.
ޒޯން ހަތަރެއްގައި ރޭ އދ. މާމިގިލިން ވަނީ 3-1 އިން އދ. މަހިބަދޫ ބަލިކޮށްފައެވެ. މި ޒޯނުގެ އަނެއް މެޗުގައި މ. ނާލާފުށި އަތުން މ. ދިއްގަރު މޮޅުވީ 4-0 އިންނެވެ. ރޭގެ މެޗުތަކަށްފަހު މި ޒޯންގެ އެއްވަނައިގައި މާމިގިލި އޮތީ ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ދިއްގަރާއި މަހިބަދޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ނާލާފުށްޓަށް އަދި ޕޮއިންޓެއްނުލިބެއެވެ. މި ޒޯނުގެ ފައިނަލްގައި މާމިގިއްޔާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މަހިބަދޫއާ ދިއްގަރު ކުޅޭ މެޗަށްފަހު އެވެ. ފަހު މެޗުގައި މާމިގިލި ނިކުންނާނީ ނާލާފުށްޓާ ދެކޮޅަށެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މަހިބަދޫ އަށް ލީޑްނަގައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. މި ހާފު ނިމުމުގެ ކުރީން، މާމިގިއްޔަށް އެއްވަރުކޮށްދިނީ ހިސާމް ސަލީމް (ކޮކީ) އެވެ. އޭގެފަހުން، ދެވަނަ ހާފުގައި ކޮކީ އާއި އަހުމަދު ނިޒާމް (ނިޒާމްބެ) ވައްދާލި ލަނޑުތަކާއެކު މާމިގިލިން މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާމިގިލީގެ ކޮކީ އެވެ.
ރޭގެ މެޗުގައި ދިއްގަރުން ފަސޭހަކަމާއެކު ނާލާފުށި ބަލިކުރިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ރިއްފަތު އާއި އަހުމަދު މިދުހަތު މަހުމޫދު އެވެ. މީގެތެރެއިން އެ ޓީމުގެ ރިއްފަތު ވަނީ ހެޓްރިކެއް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް އޭނާ އެވެ.
ޒޯން ތިނެއްގައި ހިމެނޭ ކ. ގާފަރުން ވަނީ އެ އަތޮޅުގެ ޗެމްޕިއަން ކ. ދިއްފުށި އަތުން 3-1 އިން މޮޅުވެފައެވެ. އެ ޒޯނުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޅ. ކުރެންދޫއާ އއ. ބޮޑުފޮޅުދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ރޭގެ ނަތީޖާއާއެކު ގާފަރަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ދިއްފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ޒޯންގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ބޮޑުފޮޅުދޫ އާއި ކުރެންދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ދިއްފުށްޓާއި ދެކޮޅަށް ގާފަރު ކުޅުނު މެޗުގައި އެ ޓީމުގެ ނާއިހު މުފީދު (ނާހު) ހެޓްރިކެއް ހެދިއިރު، ދިއްފުށީގެ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު މާޒިން އެވެ.
