ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ޒޯން ފަހެއްގައި ކުޅުނު މެޗުތަކުން މޮޅުވެ، ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫން އެ ޒޯންގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ތ. ތިމަރަފުށިން 3-0 އިން ފ. މަގޫދޫ ބަލިކުރިއިރު، ކިނބިދޫ އަތުން ކުޑަހުވަދޫ މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

ރޭގެ ނަތީޖާއާއެކު ޒޯން ފަހެއްގެ އެންމެ ކުރީގައި އުޅޭ ދެ ޓީމު ކަމަށްވާ ތިމަރަފުށްޓާއި ކުޑަހުވަދޫ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިމަރަފުށްޓަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އުޅޭ މަގޫދޫ އާއި ކިނބިދޫ އަށް ޕޮއިންޓެއްނުލިބެއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ތިމަރަފުށީގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު (ރޮނާ) އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ އާދަމް ނާސިހު (އާދަންނާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ޝިފާއު (ރޮނާ) އެވެ.

ރޭ ކިނބިދޫ ކޮޅަށް ކުޑަހުވަދޫން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން އިބްރާހިމް އަދި މާޔިޒް ވަހީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ކުޑަހުވަދޫގެ ޖުމައިލް (ޖުމްބެ) އެވެ.