ބްރެޒިލަގް ސެނެޓަރ ޗީކޯ ރޮޑްރިގަސް އަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމުން އެބޭފުޅާ ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކުރުމަށް އޭސީސީއިން ދިއުމުން އެބޭފުޅާވަނީ ޖަނގިޔާތެރެއަށް ރުފިޔާ ތަކެއް ފޮރުވަން ލާފައެވެ.

ބުދަދުވަހު ސެނެޓަރ ޗީކޯ ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކުރުމުގެ ތެރޭގައި ފުލުހުންވަނީ ތިޖޫރީއެއްގެ ތެރެއިން 1380 ޕައުންޑް އަދި 4650 ޕައުންޑް ހޯދާފައެވެ.

ސެނެޓަރ ޗީކޯ ފާހާނާއަށް ދާން ބޭނުންވެވަޑައިގަތުމުން ހިންގަވާފައި ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ސޯޓުމާބޮޑަށް ފުއްޕާފައިވާކަން ފުލުހުންނަށް ފާހަގަ ކުރެވުނެވެ. ޝައްކުވެގެން ފުލުހުން ޗެކް ކުރިއިރު ޖަނގިޔާގެ ފުރަގަސް ފަރާތަށް ވަނީ 2000 ޕައުންޑް ފޮރުވަން ލާފައެވެ. އަދި ފުލުހުން އިތުރު ފައިސާ ޖަންގިޔަލުގައި ފޮރުވާފައި ހުރިތޯ ސުވާލުކުރުމުން ރުޅިވެރިކަމާއެކު ސެނެޓަރ ވަނީ ޖަންގިޔަލުގައި ފޮރުވާފައިވާ އިތުރު 2500 ޕައުންޑް ނަންގަވާފައެވެ. މީގެއިތުރުން ފުލުހުން ސެނެޓަރގެ ޖަންގިޔާ ފާސްކުރިއިރު 35 ޕައުންޑްވަނީ ޖަނގިޔަލުން ފެނިފައެވެ.

ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ގެ އަރިސް ބޭފުޅެއްކަމަށްވާ ޗީކޯ ރޮޑްރިގަސް މިހާރުވަނީ މަގާމުން ސަސްޕެންޑް ކޮށް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ. ޗީކޯ ހާމަ ކުރެއްވިގޮތުގައި އެބޭފުޅާ މަސައްކަތް ކުރައްވަމުން އައީ އިހުލާސްތެރިކަމާއި އެކު ކަމަށާއި އެބޭފުޅާ ދިރިއުޅުއްވާގެކޮޅު ބަލާ ފާސްކުރި އެބޭފުޅާ ކޮވިޑް-19 ފަންޑަށް އެހީހޯދުމުގައި ބުރަމަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާކަން ސާބިތު ކޮށްދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅުވައިގެން އެގައުމުގެ ރައީސް ބޮލްސޮނާރޯ ވިދާޅުވެފައިވަނީ އެގައުމުން މިގެންދަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށާއި ވަކިމީހަކަށް ބެލުމެއްނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.