ދިރިބަތަކީ އަހަރެމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އެކި ފެންވަރުގައި ތައްޔާރު ކުރަމުން އަންނަ މީރު ކެއުމެކެވެ. ދިރީގެ ރަހައިން ފައްކާވެފައިވާ މި މީރު ކެއުމަކީ ސިއްހަތަށްވެސް ގިނަގުނަ ފައިދާތަކެއް ކުރުވާނޭ ބަތެކެވެ. މިހާހިސާބުން މި ބަތް ތައްޔާރު ކުރާނެގޮތަށް ބަލާލާނަމެވެ.
(ނޯޓް: މިރެސިޕީގައި މިން ކަނޑައަޅާފައިވަނީ 1 ލާހި ހަނޑުލަށް ވާވަރަށެވެ )
1 ލާހި ބާސްމަތީ ހަނޑޫ ބަތް
2 ފިޔާ (ބޮޑު)
5 ލޮނުމެދު
3 ހިކަނދިފަތް
2 ރާނބާ ފަތް
1 ބޮޑު ގިތެޔޮ މިރުސް
4 ޓޮމާޓޯ (ގޮޅިކޮށް ކޮށާފައި)
1 ލީކްސް ގަސް
4 ކެޕްސިކަމް (ގޮޅިކޮށް ކޮށާފައި)
1 ޖޯޑު ހިކި މަސް (ކުޑަކޮށް މުގުރާލާފައި)
4 މޭޒުމަތީ ސަމްސާ ދިރި (މުގުރާފައި)
5 މޭޒުމަތީސަމްސާ ސޯޔާސޯސް
02 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް
1/2 ސައިސަމްސާ ލޮނު
1 ޗިކަން ސްޓޮކް ކިއުބް
ތައްޔާރުކުރާނެ ގޮތް
ސްޓެޕް 1- ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް އަދި މިރުސް އަޅައިގެން ވަޅޯކޮށްލާށެވެ. އަދި މިތަކެތި ވަޅޯކުރާއިރު ލޮނު އަޅައިގެން ވަޅޯކޮށްލާށެވެ.
ސްޓެޕް 2- ފިޔާގަނޑު ވަޅޯވުމުން ޗިކަން ސްޓޮކް ކިއުބް ލާފައި އެއްކޮށްލުމަށްފަހު ޓޮމާޓޯ، ލީކްސް، އަދި ކެޕްސިކަމް އެޅުމަށް ފަހު ރޯފިލުވާލާށެވެ.
ސްޓެޕް 3- މުގުރި ދިރި އާއި މަސްކޮޅު އަޅާ އެއްކޮށްލާށެވެ.
ސްޓެޕް 4- ސޯޔާސޯސް އަދި އޮއިސްޓަރ ސޯސް އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ.
ސްޓެޕް 5- ތައްޔާރު ކުރެވުނު މަސްގަނޑު ބާސްމަތީ ބަތް ކޮޅާއި އެއްކޮށްލާށެވެ.
މިހާހިސާބުން ދިރިބަތް ތައްޔާރުކުރެވުނީއެވެ. ދިރިބަތާއެކު ކެއުމަށް ކުކުޅެއް/ފަރުމަހެއް ފިހެލުމުން ބަތްގަނޑުގެ މީރުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.
