މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު މާލޭ ހިމެނޭ ސަރަހައްދު ކަމަށްވާ ޒޯން އަށެއްގެ ފައިނަލަށް ވިލިމާލެ އާއި މާފަންނު ދަތުރުކޮށްފިއެވެ.
ޒޯން އަށެއްގައި ރޭ ވިލިމާލެއާ މާފަންނު ބައްދަލުކުރި މެޗުން 2-2 އިން އެއްވަރުވިއިރު، ހުޅުމާލެ އަތުން މައްޗަންގޯޅި މޮޅުވީ 7-0 އިންނެވެ.
ރޭގެ މެޗުތަކަށްފަހު މި ޒޯނުގެ ފައިނަލުން ޖާގަ ހޯދި ވިލިމާލެ އާއި މާފަންނަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ މައްޗަންގޯޅި އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހުޅުމާލެ އަށް ލިބުނީ އެއް ޕޮއިންޓެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވިލިމާލޭގެ އިސްމާއިލް ވަޖީހު (ވައްޖެ) ލީޑްނަގައިދީފައިވަނިކޮށް މާފަންނަށް އެއްވަރުކޮށްދިނީ ހުސެއިން ސުހައިލް (ސޮކޭ) އެވެ. އޭގެފަހުން، މާފަންނުގެ ކެޕްޓަން މުހައްމަދު ޔަފާއު (ޔާ) ގެ ގޯލުން އެ ޓީމުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގިއެވެ.
އެކަމަކު، މެޗު ނިމުމުގެކުރީން ވިލިމާލޭގެ ކެޕްޓަން އިސްމާއިލް ޝިޔާހު (ޝިޔަޅޭ) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ވިލިމާލޭގެ ކެޕްޓަން ޝިޔާހު (ޝިޔަޅޭ) އެވެ.
ހުޅުމާލެ ކޮޅަށް މައްޗަންގޯޅިން ޖެހި ހަތް ގޯލްގެ ތެރެއިން ހުސެއިން ސަވީލް ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ މުހައްމަދު ޝާހު، މުހައްމަދު ފާރިޝް އާދަމް، އިސްމާއިލް ޒާން އާމިރު، ހުސެއިން ޝާވިން އަދި ރިލްވާން ވަހީދޫ (ރިލޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ވެސް ރިލޭ އެވެ. އޭނާ މި މެޗުގައި ކުޅުނީ ގޯލްކީޕަރަކަށެވެ.
