ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ހދ. ނައިވާދޫ އާއި ށ. ކަނޑިތީމު އަދި ގދ. ވާދޫ އިން ވަނީ ޒޯން ބުރުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ރޭ ކުޅެވުނު ޒޯން އެކެއްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ށ. ކަނޑިތީމުން ވަނީ 2-1 އިން ހދ. ނޭކުރެންދޫ ބަލިކޮށްފައެވެ. ސެމީގެ ދެވަނަ މެޗުގައި ހދ. ނައިވާދޫން ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ށ. ފޯކައިދޫ އަތުން މޮޅުވެފައެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކަނޑިތީމުގެ ކެޕްޓަން އިބްރާހިމް ނަދާދު (ކުޑައްޓޭ) ލީޑްނަގައިދީފައިވަނިކޮށް، ނޭކުރެންދޫ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް އެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް ކަނޑިތީމު މޮޅުކޮށްދިން ލަނޑުޖެހީ ވެސް ނަދާދު (ކުޑައްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
ނައިވާދޫން ރޭގެ މެޗުގައި ޖެހި ގޯލްތައް ކާމިޔާބުކުރީ އަހުމަދު ހަމީދު (އައްމަޑޭ)، ޔާމިން މުހައްމަދު (ޔާންޓެ) އާއި އަބްދުﷲ ވިސާމް އަދި އިސްމާއިލް ވަހީދު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނިލަންދޫ އަތުން ގަން މޮޅުވީ 3-0 އިންނެވެ. އެ ޒޯނުގެ އަނެއް މެޗުގައި ވާދޫން ވަނީ 1-0 އިން މާމެންދޫގެ މައްޗަށް ކުރިހޯދާފައެވެ.
ރޭގެ މެޗުތަކަށްފަހު މި ޒޯނުގެ އެއްވަނައިގައި އުޅޭ ގަމަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި ވާދޫ އޮތްއިރު، ތިންވަނައިގައި އޮތް މާމެންދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ނިލަންދޫ އަށް ޕޮއިންޓެއްނުލިބެއެވެ.
ގަމުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ޒައިދާން އަބްދުﷲ އެވެ. މާމެންދޫ ކޮޅަށް ވާދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުސަންނިފު މުހައްމަދު އެވެ.
