އުމުރުން 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ތެރެއިން ކިމް ކާޑޭޝިއަން އަނެއްކާވެސް އަގުބޮޑު ހާރެއް ދައްކާލައިފިއެވެ. މީގެ 4 އަހަރުކުރިން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ކިމް، ޕެރިސްގެ ހޮޓަލެއްގައި ހުއްޓާ ބަޑިން ބިރުދައްކާ ބަޔަކު ވަނީ 10 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާ އޭނާ އަތުން ފޭރިގެންފައެވެ. އޭގެފަހުން ކިމް ވަނީ އަގުބޮޑެތި ގަހަނާތައް ދެއްކުމާއި އަޅައިގެން އުޅުން މަދުކޮށްފައެވެ.

މިފަހަރު ކިމް ދައްކާލާފައިމިވަނީ 15 ވަރަކަށް ކެރެޓް ހުންނަ ވަރުގެ ބިސްބުރު ބައްޓަމަށް ކަފާ ތައްޔާރުކޮށްފައިވާ އެމަރަލްޑް އަދި ޖަވާހިރުގެ ހާރެކެވެ. މިއީ 1 މިލިއަން ޑޮލަރުގެ އަގުހުރި ހާރެކެވެ. ކިމްކާޑޭޝިއަން މި ހާރު އަޅައިގެން މޮޑެލް ކޮށްފައިވާ ފޮޓޯ އޭނާގެ ކުންފުނި ކޭކޭޑަބްލިއު ބިއުޓީގެ އިންސްޓަގްރާމް ޕޭޖަށް ހިއްސާކޮށްފައިވާއިރު އޭނާ މިވަގުތު ގެންދަނީ 40 ވަނަ އުފަންދުވަސް ޕްރައިވެޓް ރަށެއްގައި އޭނާގެ އާއިލާއާއެކު ފާހަގަ ކުރަމުންނެވެ.

އޭނާ މީގެ ކުރިން ހާމަކުރިގޮތުގައި ގަހަނާތައް ފޭރިގަތް ހާދިސާގައި އޭނާ މަރުނުވީ ކިރިޔާއެވެ. އަދި އެކަމާގުޅިގެން އޭނާވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެފައެވެ. އެހެންކަމުން ގަހަނާ އެޅުމާ ސޯޝަލްމީޑިއާގައި ގަހަނާ އަޅައިގެން ހުންނަ ފޮޓޯ ހިއްސާކުރުންވެސް ވަނީ މަޑުޖައްސާލާފައެވެ.