މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅެވުނު މެޗުތަކަށްފަހު ރ. އިނގުރައިދޫ އާއި ޏ. ފުވައްމުލަކު ދަނޑިމަގުން ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒޯން ދޭއްގެ ފައިނަލްގެ ދެވަނަ ލެގުގައި އިނގުރައިދޫން ވަނީ ބ. އޭދަފުށި އަތުން 2-0 އިން މޮޅުވެފައެވެ. މިއާއެކު، އިނގުރައިދޫން ވަނީ 5-1 ގެ އެގްރިގޭޓުން އޭދަފުށި މައްޗަށް ކުރިހޯދާފައެވެ. ޒޯން ހަތެއްގެ ފައިނަލްގެ ދެވަނަ ލެގުގައި ދަނޑިމަގުން ވަނީ 4-3 އިން މޮޅުވެ، ސ. ފޭދޫގެ މައްޗަށް ދެ މެޗުގެ އެގްރިގޭޓުން 7-4 އިން ކުރިހޯދާފައެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިނގުރައިދޫން ލީޑްނެގީ މުހައްމަދު މަމްދޫހު ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މި މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑުޖެހީ އަހުމަދު އައިހަމް އެވެ. މިއީ އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު (ރާޖޫ) ކުރިއަށް އަރައި ހުރި ވަގުތު ލިބުނު ފުރުޞަތުގެ ބޭނުންހިފައި، އައިހަމް ކާމިޔާބުކުރި ގޯލެކެވެ.
ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިނގުރައިދޫގެ ފުރަތަމަ ލަނޑުޖަހައިދިން މަމްދޫހު އެވެ. ޒޯން ދޭއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ އިނގުރައިދޫގެ އައިހަމް އެވެ.
ރޭ ކުޅެވުނު ޒޯން ހަތެއްގެ ފައިނަލްގައި ފޭދޫ ކޮޅަށް ދަނޑިމަގުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު ސާދު ނިޒާރު ވަނީ ހެޓްރިކެއް ހަދާފައެވެ. ދަނޑިމަގުގެ އަނެއް ލަނޑުޖަހައިދިނީ އަބްދުﷲ ރަޝީދު އެވެ. ފޭދޫގެ ލަނޑުތައް ޖެހީ ހުސެއިން ސާމު ސައީދު އާއި އަލީ ނާފިއު (ކަޅޭ) އަދި ހުސެއިން ލައުހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯން ހަތެއްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓާއި އެ ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ދަނޑިމަގުގެ ސާދު ނިޒާރު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޒޯން ފަހެއްގެ އެންމެ ކުރީގައި އުޅޭ ދެ ޓީމުގެ ކުރިމަތިލުމުގައި ތ. ތިމަރަފުށިން ވަނީ 2-0 ގެ ނަތީޖާއަކުން ދ. ކުޑަހުވަދޫގެ މައްޗަށް ކުރިހޯދާފައެވެ. ރޭގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު ވަނީ އެ ޒޯންގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ގޯލްތައް ކާމިޔާބުކުރީ އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް ހަމްދާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ އާދަންނާ އެވެ.
އެ ޒޯންގެ އަނެއް މެޗުގައި ތ. ކިނބިދޫން ވަނީ 8-2 އިން ފ. މަގޫދޫ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކިނބިދޫގެ މުހައްމަދު ސަހާއު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އާދަމް ފަރުހާން، އަލީ އަޒުހަދު، އަލީ ފަޔާހު، އަލީ ހަމްދާން ހުސެއިން، އިބްރާހިމް އިމްރާހު އާއި މުހައްމަދު ޝާފިއު އެވެ. މަގޫދޫގެ ލަނޑުތައް ޖެހީ މިޖުވާދު އަބްދުއްސައްތާރު އާއި އަންވަރު ބިން މުހައްމަދު މުސްތަފާ އެވެ.
