ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު އއ. ބޮޑުފޮޅުދޫ އާއި މ. ދިއްގަރުން ޒޯން ބުރުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒޯން ތިނެއްގައި ރޭ ބޮޑުފޮޅުދޫން 6-1 ގެ ނަތީޖާއަކުން ދިއްފުށި ބަލިކުރިއިރު، ކ. ގާފަރުން ވަނީ 2-0 އިން ޅ. ކުރެންދޫ އަތުން މޮޅުވެފައެވެ. މި ޒޯންގެ ފައިނަލްގައި ބޮޑުފޮޅުދޫން ނިކުންނާނީ ގާފަރާއި ދެކޮޅަށެވެ.

ރޭގެ މެޗުތަކަށްފަހު ޒޯން ތިނެއްގެ އެއްވަނައިގައި އޮތް ގާފަރަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ބޮޑުފޮޅުދޫ އޮތްއިރު، ތިން ޕޮއިންޓާއެކު ދިއްފުށި އޮތީ ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ކުރެންދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބޮޑުފޮޅުދޫގެ ޖާދުﷲ އަހުމަދު ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އަލީ ޝާނިޒް އާއި މުހައްމަދު ޝިރުހާން އަދި ރުކުޝާން ޖަމީލް އެވެ. ދިއްފުށީގެ ހަމައެކަނި ލަނޑުޖެހީ ރިލްވާން ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮޑުފޮޅުދޫގެ ޖާދުﷲ އެވެ.

ރޭގެ މެޗުގައި ކުރެންދޫ އަތުން ގާފަރު މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ނާއިހު މުފީދު (ނާހު) އާއި އަޒްޔާން އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޒޯން ހަތަރެއްގައި މ. ދިއްގަރުން ވަނީ 3-2 އިން އދ. މަހިބަދޫ ބަލިކޮށް، އެ ޒޯންގެ ފައިނަލުން ޖާގަ ހޯދާފައެވެ. މި ޒޯންގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި މ. ނާލާފުށި އަތުން އދ. މާމިގިލި 4-3 އިން ބަލިވިއިރު، އެ ޓީމުން ރޭގެ މެޗަށް ނިކުތްއިރު ވެސް ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މި ޒޯންގެ ފައިނަލްގައި ދިއްގަރު ނިކުންނާނީ މާމިގިއްޔާ ދެކޮޅަށެވެ.

މަހިބަދޫ ކޮޅަށް ދިއްގަރުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މުހައްމަދު އަލީ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ އަބްދުﷲ މިދުހަތު މަހުމޫދު އެވެ. މަހިބަދޫގެ ދެ ލަނޑުވެސް ޖެހީ ސުއައިދު ސައީދު އެވެ. މާމިގިލި އަތުން ނާލާފުށި މޮޅުވިއިރު، އެ ޓީމުގެ އަހުމަދު ރަފާހު އާއި ޝަފްރާޒް އަބްދުއްސައްތާރު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. މާމިގިލީގެ ތިން ލަނޑުވެސް ޖެހީ ހިސާމް ސަލީމް (ކޮކީ) އެވެ.