ބުރާސްފަތި ދުވަހު ދެ ޒުވާނަކު ވަނީ މުމްބާއީގައި ހުންނަ ޝާހްރުކް ޚާންގެ ގެކޮޅު މަންނާތަށް ވަދެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން މަންނާތަށްވަދެފައިވަނީ ބޭރު ކޮމްޕައުންޑް ފާރުމަތިންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ޝާހްރުކްގެ ސެކިއުރިޓީ ގާޑުންނެވެ. ސެކިއުރިޓީ ޓީމުން ފުލުހުންނަށް އެކަން އަންގާ، އެމީހުން ފުލުހުންނާ ހަވާލުކުރި އެވެ. އެ ދެ މީހުންނާ ފުލުހުން ސުވާލު ކުރިއިރު، އެ ދެ މީހުން ބުނި ގޮތުގައި އެމީހުން އައީ ގުޖުރާތުން ޝާހްރުކްއާއި ބައްދަލު ކުރަން ކަމަށް ފުލުހުން ބުންޏެވެ.
ހިންދުސްތާން ޓައިމްސްގެ ރިޕޯޓެއްގައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު ފަތިހު 4 ޖަހާކަންހާއިރު އެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ އިންޑިއާގެ ގާނޫނުލް އުގޫބާތު (އައިޕީސީ) ގެ ދަށުން ޓްރެސްޕޭސިން އާއި އެކަމާ ގުޅޭ އެހެނިހެން ކުށްތަކުގެ ދައުވާ އެވެ. އިތުރު ތަހުގީގުތައް ކުރިއަށް އެބަދެއެވެ. ފުލުސް އޮފިސަރަކު މައުލޫމާތު ދިން ގޮތުގައި އެ ދެ މީހުންނަކީ ޝާހްރުކް ޚާންއާ ބައްދަލުކޮށް އޭނާ ކުޑަ ހިލަމެއް ގާތުން ބަލާލަން ބޭނުންވި ފޭނުންނެވެ. މިހާތަނަށް ތަހުގީގުން އެހެން މިކަމުގައި އެހެން މަގްސަދެއް އޮތްކަމަކަށް ފާހަގައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އެމީހުންގެ އާއިލާގެ މެމްބަރުންނަށް ގުޅަމުންދާއިރު، އެމީހުންގެ ކުށުގެ ރެކޯޑެއް އޮތްތޯ ވެސް ގުޖުރާތުގެ ފުލުހުންނާ ގުޅިގެން ޗެކް ކުރާމުންއެބަދެއެވެ.
އީޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުން ޝާހްރުކްގެ ސެކިއުރިޓީން ހައްޔަރުކޮށްފައި ވަނީ މަންނާތުގެ ސަރަހައްދުގައި އުޅެމުން ދިޔަތަން ފެނުމުންނެވެ. އެ މީހުން މަންނާތު ކޮމްޕައުންޑަށް ފުންމާލި އިރު ޝާހްރުކް ގޭގައި ނެތް ކަމަށާއި އެ ވަގުތު އޭނާ ހުރީ ޖަވާން ގެ ސޫޓިން ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
