ބުރާސްފަތި ދުވަހު ސުޝްމިތާ ސެން އޭނާގެ އިންސްޓަގްރާމް ގައި މީގެ ދެތިން ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހިފައިވާކަން ހާމަކުރި އެވެ. މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލުގައި އެންޖިއޯޕްލާސްޓީ އާއި ސްޓެންޓް އޭނާ ވަނީ ހަދާފައިއެވެ. އިންސްޓަގްރާމްގައި ލައިވްކޮށް ބަތަލާ ވަނީ ނަނާވަތީގެ މުޅި ޑޮކްޓަރުންގެ ޓީމަށް ވަގުތުން ފޯޜުކޮށްދިން އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހޮސްޕިޓަލަށް އެދުނު ހަމައެކަނި ކަމަކީ އެޑްމިޓްކޮށްފައިވާކަން އެއްވެސް މީހަކަށް ނޭނގުމަކަމަށް އޭނާ ހާމަކޮށްފައިވާއިރު، ޑިސްޗާޖް ކުރެވެންދެން އެކަން މީހަކަށް ހޮސްޕިޓަލްގެ ފަރާތުން ހާމަކޮށްފައި ނުވުމުން އެކަމަށްވެސް އޭނާ ޝުކުރު އަދާކުރި އެވެ. އަދި ސުޝްމީތާ ވަނީ އޭނާގެ މައި ލޭނާރުގައި 95 ޕަސެންޓް ބްލޮކޭޖް ވެފައިވާ ކަމަށާއި، އޭނާގެ ހަރަކާތްތެރި ދިރިއުޅުމުގެ ސަބަބުން ހާޓް އެޓޭކުން ސަލާމަތްވި ކަމަށެވެ.

އިންސްޓަގްރާމް ލައިވްގައި ސުޝްމިތާ ސެން ވަނީ އޭނާގެ ފޮލޯވަރުންގެ ކިބައިން ޖިމް ދޫކޮށް ނުލުމަށް އެދިފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ޖިމަށް ދިއުން ހުއްޓާލާނީ އެކަމުން އޭނާއަށް އެހީތެރިކަމެއް ނުލިބުނު ކަމަށް ހީކޮށް ނަމަވެސް ސުޝްމިތާ ބުނީ އެއީ ތެދެއް ނޫން ކަމަށެވެ. އޭނާ ބުނީ އޭނާގެ ހަރަކާތްތެރި ދިރިއުޅުމަކީ ވަރަށް ބޮޑު ހާޓް އެޓޭކެއް ޖެހިގެން ސަލާމަތްވުމަށް އެހީތެރިވި ސަބަބެއް ކަމަށެވެ. "އެއީ (ހާޓް އެޓޭކް) ބޮޑުވީ މައި ލޭނާރުގައި 95 ޕަސެންޓް ބްލޮކޭޖް ވެގެން، އަހަރެން ސަލާމަތްވީ އެކްޓިވް ލައިފްސްޓައިލްއެއް ގެންގުޅެގެން،" ސުޝްމިތާ ބުންޏެވެ. އޭނާގެ ސަޕޯޓަރުންނަށް ސަމާލުވުމަށް، އަދި ހަރަކާތްތެރިވުމަށް އިލްތިމާސްކުރި އެވެ. ސުޝްމިތާ ފާހަގަކުރެއްވި ގޮތުގައި ވަރަށް ގިނަ ޒުވާނުންނަކީ ހާޓް އެޓޭކުން ސަލާމަތް ނުވާ ބައެއް ކަމަށާއި ހާޓް އެޓޭކަކީ ހަމައެކަނި ފިރިހެނުންނަށް ޖެހޭ ކަމެއް ނޫންކަން އަންހެނުން ވިސްނަން ޖެހޭ ކަމަށެވެ

ސުޝްމިތާ ބުނީ އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫން ނަމަވެސް ސަމާލުވާން ޖެހޭ ކަމަށެވެ. "ދިރިއުޅުމަށް އާ ފުރުސަތެއް ލިބުމުން އެކަމަށް އިހުތިރާމްކޮށް ފަރުވާތެރިވާއިރު އެއީ ކަސްރަތު ކުރަން ދަސްކޮށް ހިތްވަރާއި އެކު ކުރިޔަށް ދާން މަސައްކަތް ކުރަން ޖެހޭނެ"އޭނާ ބުނިއެވެ.

އޭނާ ބުނީ އާރިޔާ 3 ސެޓަށް އަނބުރާ އައުމަށް ކެތް މަދުވެފައި ވާކަމަށާއި ޑޮކްޓަރުންގެ ކްލިއަރެންސް ލިބުމުން އާރިޔާ ނިންމާލަން ޖައިޕޫރަށް ފުރާނެ ކަމަށެވެ.