އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ބޯންމައުތު 2-3 އިން ބަލިކޮށް، އާސެނަލުން ތާވަލްގެ ކުރީގައި ލީޑް ދަމަހައްޓައިފިއެވެ.
ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ހޯދީ މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ އާސެނަލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. އެކަމަކު، މިރޭ ބޯންމައުތު އަތުން ފަހަތުންއަރައި ފަހުވަގުތު ހޯދީ މޮޅާއެކު އާސެނަލުން ވަނީ އަލުން ލީޑް ދަމަހައްޓާފައެވެ.
އާސެނަލް އެއްވަނައިގައި އޮތީ 26 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތްއިރު، މެންޗެސްޓަރ ޔުނައިޓެޑް އޮތީ 24 މެޗުން ލިބުނު 49 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 26 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ނުވަވަނަ ސިކުންތުގައި ބޯންމައުތުން ލީޑްނެގީ ފިލިޕް ބިލިންގ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕްރިމިއާ ލީގުގައި މިހާތަނަށް ދެވަނަ އަށް އެންމެ އަވަހަށް ޖެހި ގޯލެވެ.
މި މެޗުގެ 57 ވަނަ މިނެޓުގައި ބޯންމައުތުގެ ޖޯ ރޮތުވެލް ނެގި ކޯނަރަކުން މާކޯ ސެނެސީ ބޮލުން ވައްދާލި ލަނޑާއެކު އެ ޓީމުން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެ ފަސް މިނެޓުފަހުން، އާސެނަލްގެ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭ ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ރީސް ނެލްސަން ދިން ބޯޅައަކުން ބެން ވައިޓް ވަނީ އާސެނަލަށް އެއްވަރުކޮށްދީފައެވެ. ރެފްރީ މި ލަނޑު ގަބޫލުކުރީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައެވެ.
އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި އާސެނަލް މޮޅުވި ލަނޑުޖަހައިދިނީ ނެލްސަން އެވެ. ނެލްސަން ކުޅެން ނިކުތީ ފުރަތަމަ ހާފުގައި ލެއަންޑްރޮ ޓްރޮސާޑް އަށް އަނިޔާވެގެން ކުޅެން ނިކުތް އެމީލް ސްމިތު ރޯވްގެ ބަދަލުގައި ފަހު 20 މިނެޓަށެވެ. އަނެއްކޮޅުން މިރޭގެ މެޗާ ހަމައަށް އައިއިރު މި ފަހަރުގެ ސީޒަނުގައި ލީގުގައި ނެލްސަން ކުޅެފައިވަނީ އެންމެ 64 މިނެޓެވެ.
ނިއުކާސަލް އަތުން ސިޓީގެ ދަނޑުގައި އެ ޓީމުން މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދިނީ ފިލް ފޯޑެން އާއި ބެނާޑޯ ސިލްވާ އެވެ. ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން ހޯދީ ހަނި މޮޅާއެކު ޗެލްސީން ވަނީ ކޯޗު ގްރަހަމް ޕޮޓާ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދީފައެވެ. މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. ޗެލްސީގެ ހަމައެކަނި ލަނޑުޖަހައިދިނީ ވެސްލީ ފޮފާނާ އެވެ.
ބްރައިޓަންގެ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވަނީ މޮޅުވެފައެވެ. އެސްޓަން ވިލާގެ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ޓޮޓެންހަމް އަތުން ވުލްވްސް މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ސައުތެމްޓަނުން ލެސްޓާ ސިޓީ ބަލިކުރީ ވެސް 1-0 އިންނެވެ.
Scoring in a flash ⚡️
— Premier League (@premierleague) March 4, 2023
Philip Billing scores the second-fastest goal in PL history! ⏱️ pic.twitter.com/E4cQ48JTkP
