މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ފައިނަލް މެޗުތަކަށްފަހު ހދ. ނައިވާދޫ އާއި ގދ. ވާދޫ އަދި މާފަންނުން ޒޯން ބުރުގެ ތަށި އުފުލާލައިފިއެވެ.

ޒޯން އެކެއްގެ ފައިނަލްގައި ހދ. ނައިވާދޫން ވަނީ ށ. ކަނޑިތީމު އަތުން 6-2 އިން މޮޅުވެފައެވެ. ގދ. ވާދޫން ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފަހަތުންއަރައި 3-1 އިން ލ. ގަން ބަލިކޮށްގެންނެވެ. އަދި މާފަންނުން މާލޭ ސަރަހައްދުގެ ޗެމްޕިއަންކަން ހޯދީ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 2-2 އިން ވިލިމާލެއާ އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ޒޯން ހައެއްގެ ފައިނަލްގައި ކުރީން ލީޑްނެގީ ގަމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. ވާދޫ އަށް އެއްވަރުކޮށްދިނީ މުހައްމަދު ނާއިލް އެވެ.

މި މެޗުގައި ވާދޫ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ މުސައްނިފު މުހައްމަދު އެވެ. އޭގެފަހުން، އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ އިބްރާހިމް ޝައުފް މުހައްމަދު އެވެ. އަދި އޭގެފަހުން، މެޗުގެ ފަހުކޮޅުގައި ދުރު ޕެނަލްޓީއަކުން ގަމަށް ފަރަގު ކުޑަކޮށްދޭން އައްމަޑޭ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. އެ ބޯޅަ ވާދޫ ކީޕަރު ޒައިދާން ވަނީ މަތަކޮށްފައެވެ. ފަައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ މުސައްނިފެވެ.

މާފަންނުގެ ކުޅުންތެރިން ޒޯން ތަށި އުފުލާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހާސިލްކުރީ ގަމުގެ އައްމަޑޭ އެވެ.

ޒޯން އެކެއްގެ ފައިނަލްގައި ނައިވާދޫން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ގޯލް ޖަހައިދިނީ އަބްދުﷲ ވިސާމް އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑުޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލާއި، މުހައްމަދު އަސްލަމް އެވެ. ކަނޑިތީމުގެ ގޯލްތައް ޖަހައިދިނީ އަހުމަދު ނިމާލް އާއި އާދަމް ތައުފީގެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ނައިވާދޫގެ ވިސާމް ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހާސިލްކުރީ ވެސް އޭނާ އެވެ. އެ ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫގެ ޝާއްޕެ އެވެ.

ރޭ ކުޅުނު ޒޯން އަށެއްގެ ފައިނަލްގައި މާފަންނުގެ ލަނޑުތައް ޖެހީ ހުސެއިން އަފްސަލް އާއި ހުސެއިން ސުހައިލް (ސޮކޭ) އެވެ. ވިލިމާލޭގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވިފާގު (އިއްސެ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ މެޗަށްފަހު ހދ. ނައިވާދޫ ޓީމުގެ ކުޅުންތެރިން ޒޯން ތަށި އުފުލާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

ޕެނަލްޓީ ޝޫޓްއައުޓްގައި މާފަންނުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެއީ އިބްރާހިމް ނާޖިހު، ޔޫހު ނަސީރު، ސުހައިލް (ސޮކޭ)، މުހައްމަދު ޔަފާއު (ޔާ) އަދި އަފްސަލް އެވެ. ވިލިމާލެ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ އަބްދުﷲ ޝައްފާން (ޝާކާ) ފޮނުވާލުމުން މާފަންނުގެ ކީޕަރު ނާޖިހު މަތަކުރިއެވެ. ވިލިމާލޭގެ ޕެނަލްޓީތައް ކާމިޔާބުކުރީ ވިފާގު (އިއްސެ) އާއި އަލީ ޝިޔާހު (ޝިޔަޅޭ) އަދި ވަޖީހު (ވައްޖެ) އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް މާފަންނުގެ ކީޕަރު ނާޖިހު ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހާސިލްކުރީ މާފަންނުގެ ސުހައިލް (ސޮކޭ) އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ ފައިނަލްގައި 20:00 ގައި އދ. މާމިގިއްޔާއި ދިއްގަރު ބައްދަލުކުރާއިރު ދެވަނަ ފައިނަލްގައި 21:00 ގައި ކ. ގާފަރު ނިކުންނާނީ އއ. ބޮޑުފޮޅުދޫއާ އެވެ. އަދި މިރޭގެ ފަހު ފައިނަލްގައި 22:00 ގައި ތ. ތިމަރަފުށި ނިކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.