ހަނދުގައި ފެނުގެ މޮލިކިއުލްތަކެއް ހުރިކަން ޔަގީންވެއްޖެކަމަށް ނާސާއިން ހާމަކޮށްފިއެވެ. މީގެ 11 އަހަރުކުރިން ހަނދުގައި ހަދަންފެށި ދިރާސާތަކުން ވަނީ ވަރަށް ކުޑަމިންވަރަކަށް ހަނދުގައި ފެނުގެ އަސަރު ހުރިކަމަށް ދައްކާފައެވެ. ނަމަވެސް މިހާރު މިވަނީ ހަނދުގެ މަތީ ފަށަލައިގައި ފެން ހުރިކަމުގެ ހެކިތައް ފެނިއްޖެކަމަށް ނާސާއިން ޔަގީން ކޮށްދީފައެވެ.

މީގެއިތުރުން މިދިރާސާ ކުރި ނާސާގެ އެހެން ޓީމަކުންވެސް ވަނީ ގާތްގަނޑަކަށް 40،000 މޭލު ބޮޑުމިނުގެ ސަރަހައްދަކަށް އައިސްގެ ގޮތުގައި ހަނދުގައި ފެން ފޮރުވިފައިވާކަމަށެވެ.

ނާސާ އިން ބުނެފައިވަނީ ފެނަކީ އިންސާނުންނަށާއި ދުނިޔެއަށް އެންމެ ބޭނުންތެރި އެކައްޗަށްވެފައި، ހަނދުގައި ފެން ހުރިކަން ހާމަވުމަކީ މުސްތަގްބަލުގައި އެސްޓްރޯނޯޓުންނަށާއި ރޮބޮޓިކް ޖައްވީ މިޝަން ތަކަށް ފައިދާ ކުރާނެ ކަމެއްކަމަށެވެ. ސަބަބަކީ ބުއިމަށާ، ހަކަތައިގެ ގޮތުގައި ހަނދުން ފެން ނަގައިގެން ބޭނުންކުރެވޭނެތީއެވެ. ފެނުން ހައިޑްރޮޖަން އަދި އޮކްސިޖަން ވަކިކޮށްގެން ރޮކެޓް ފިއުލްގެ ގޮތުގައި ވެސް ބޭނުން ހިފޭނެކަމަށާއި، ޖައްވުގައިނޭވާލުމަށް އޮކްސިޖަންގެ ބޭނުންހިފޭނެކަމަށް ނާސާއިން ވަނީ ބުނެފައެވެ.

ނާސާއިން މިހާރު އަންނަނީ މިކަން އިތުރަށް ދިރާސާކޮށް ހަނދުގައި ފެންހުރި ފުން މިނާއި ގިނަމިން އަދި ހަނދުގައި ހުރި  ފެނުގެ އެހެނިހެން މައުލޫމާތު ހޯދުމަށް ތައްޔާރުވަމުންނެވެ. އަދި މިހުރިހާ މައުލޫމާތެއް ސާފުކުރެވޭނީ ހަނދައް ގޮސް ހަދު ތޮރުފައިގެން ކަމަށްވަނީ ބުނެފައެވެ. 2024 ވަނަ އަހަރުގެ ކުރިން އަންހެން އަދި ފިރިހެން އެސްޓްރޯނޯޓެއް ހަނދަން ފޮނުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ސައެންސްވެރިން އަންނަނީ ހަނދުން ވެލިނަގައިގެން ޓެސްޓު ކުރުމަށް ތައްޔާރުވަމުނެނެވެ.