ނަންރީތިމަލަކީ ދިވެހި ފަސްގަނޑުގައިވެސް ހިސާބަކަށް ފެންނަ މަލެކެވެ. ކުރަފަތްތޮޅި ވެލުގައި އަޅާ ނޫކުލައިގެ މި މަލަށް ފިޔަނޫމަލޭ ވެސް ކިޔާ އުޅެއެވެ. ވެލެއްގައި އަޅާ މި މަލަކީ އެއިން ސައެއް ތައްޔާރު ކުރެވޭ މަލެކެވެ. މި ލިޔުމުގައި މި ބަލާލަނީ މި ސައި ތައްޔާރު ކުރާނެ ގޮތަށެވެ.

ވެލުން މާ ބިނުމަށްފަހު ހޫނުފެން ތައްޓަކަށް ލާށެވެ. އާދައިގެ ބިއްލޫރި ތައްޓަކަށް މީގެ ހައެއްކަމާ ލުމުން އެ ތަށީގައި ހުންނަ ހޫނު ފެނުގެ ކުލަ ރީތި ނޫ ކުލަ އަކަށް ބަދަލުވެގެން ދެއެވެ. ދެން ފެނުގައި ރަނގަޅަށް ކުލަ ހިފުމުން، ފެންތަށްޓަށް ލީ މާތައް ނަގާނީއެވެ.

މިހިސާބުން އަސްލު މި މަލުގެ ސައި ތައްޔާރު ކުރެވުނީއެވެ. ނަމަވެސް ބައެއް ބޭބޭފުޅުން ރުހިލައްވާނަމަ، ކުޑަ ހަކުރުކޮޅެއް އަޅާލުމަށްފަހު ގިރާލައިގެން ބޮވިދާނެއެވެ. 

ދެން އޮތީ މި ސައިގެ އަދި މުޅިން ތަފާތު ރަހައެކެވެ. އެއީ ހޫނުކޮށް ހުންނަ މި ސައި (ރީތި ނޫކުލައިގައި ހުއްޓާ) ތެރެއަށް ލުނބޯ ހުތް ޖެހުމުން މި ސައިގެ ކުލަ ބަދަލުވެއެވެ. ރީތި ނޫކުލައެއްގައި ހުންނަ އެ ސައިގެ ކުލަ ގަދަ ރީތި ދަނބު ކުލައަކަށް ބަދަލުވެއެވެ. މިއީ ހުތުގެ ތާސީރެއް އެ ސަޔަށް އެއްވުމުން އަންނަ ބަދަލެކެވެ. ހުތް ޖަހާލުމަށްފަހުވެސް މިއީ މީރުކޮށް ބޯ ސައެކެވެ.

ނަންރީތިމަލުގެ ސަޔަކީ ސިއްހަތަށްވެސް ވަރަށް ފައިދާކުރާ ބުއިމެކެވެ. އޭގައި ހުންނަ އެންޓިއޮކްސިޑަންޓުގެ މާއްދާތަކުން ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކޮށްދޭން އެހީތެރިވުމާއި އެކު ހަށިގަނޑުގެ ހަތާތައް ހަލާކުވުން މަދުކުރުވައެވެ.

އަނގަޔަށްވެސް މީރު ސިއްހަތަށްވެސް ރަނގަޅު މި ބުއިމަކީ ފަސޭހަކަމާއި އެކު ތައްޔާރުކޮށްލެވޭ ބުއިމެކެވެ. އަދި މިއީ ސަތޭކަ އިންސައްތަ "ނެޗުރަލް" ބުއިމެކެވެ. ކެމިކަލެއް ބޭހެއް އަދި އެއްވެސް ކަހަލަ ނުބައި މާއްދާއެއް މިއަކު ނުވާނެއެވެ.