މިދިޔަ ހަފްތާ ތެރޭގައި އާންމު ކުރި މުޅިން އައު ދިރާސާއަކުން މި ވަނީ މުޅިން އައު ކަމެއް ފާހަގަ ވެފައެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު، "ނޭޗަރ މެޑިސިން" ނަމަކަށް ކިޔާ މަޖައްލާއެއްގައި ޝާއިއުކޮށްފާވާ އެ ދިރާސާގައި ބުނަނީ އާޓިފިޝަލް ހަކުރުގައި ހުންނަ މާއްދާއެއްގެ ސަބަބުން ހާޓް އެޓޭކާއި އަދި ލޭގަނޑުވުންފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަމަށެވެ.
އާންމު ގޮތެއްގައި އަހަރެމެންގެ ދިރިއުޅުމުގައި އާޓިފިޝަލް ހަކުރުގެ ގޮތުގައި ބޭނުން ކުރެވެނީ "ޑައިބެޓިކް ޝުގާ" އެވެ. މިއީ ހަކުރުގެ ބައި މަދުކޮށް، ފޮނިރަހަ ލެއްވުމަށް އުފައްދާފައިވާ އާޓިފިޝަލް ހަކުރެކެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުން އާޓިފިޝަލް ހަކުރު ތަކުގައި ހުންނަ "އެރިތްރިޓޯލް" ނަމަކަށް ކިޔާ މާއްދާއަކީ ހާޓް އެޓޭކާއި ލޭގަނޑުވުން ފަދަ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ މާއްދާއެއް ކަމަށެވެ.
ކްލެވްލޭންޑް ކްލިނިކަލް ލާނާސް ރިސާޗް އިންސްޓިޓިއުޓް ގެ ހިތުގެ ޑިޕާޓްމެންޓުގެ ޑިރެކްޓާ، ޑރ. ސްޓަންލޭ ހޭޒަން ވިދާޅުވާ ގޮތުގައި މި ދިރާސާ އަކީ 10 އަހަރުގެ ތަޖުރިބާގެ މައްޗަށް އެކުލެވޭ ދިރާސާއެކެވެ. މި ދިރާސާ ދައްކާގޮތުން ލޭގެ ތެރޭގައި "އެރިތްރިޓޯލް" ހުންނަ މިންވަރު ގިނަ މީހުންނީ، އެހެން މީހުންނަށްވުރެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. އަދި ހާޓް އެޓޭކާއި ލޭގަނޑުވުން ފަދަ ކަންކަން ދިމައިވެފާ މީހުންގެ ތެރެއިން މި ދިރާސާގައި ބޭނުން ކުރި މީހުންގެ 75 އިންސަތަ މީހުންގެ ލޭގެ ތެރޭގައި "އެރިތްރިޓޯލް" ގިނަކަން ފާހަގަވެފައި ވެއެވެ. އަދި ލޭގެ ތެރޭގައި މި މާއްދާ ހުންނަލެއް ގިނަ ނަމަ، މިއީ ހަކުރު ބައްޔެކޭ އެއްފަދައިން ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ.
ހަމަ އެ އިންސްޓިޓިއުޓް ގެ ކެލޮރީސް ކޮންޓްރޯލް ޑިޕާޓްމެންޓުގެ އެކްޒެކެޓިކް ޑިރެކްޓާ، ރޮބާޓް ރެންކިން ވިދާޅުވާ ގޮދުގައި އާޓިފިޝަލް ހަކުރު ބޭނުންކޮށްގެން އުފައްދާ ކެއުންތަކާއި ބުއިންތައް ދުނިޔޭގެ ފެންވަރެއްގައި ކޮންޓްރޯލްކޮށް މަދުކުރުވަން ޖެހޭނެއެވެ. އަދި ރީތި ނަންނަމުގައި ބަލި މީހުންގެ ހިތްތަކަށް ޝައުގުވެރިކަން އުފެދޭނެ ގޮތްގޮތަށް އެކިކަހަލަ އާޓިފިޝަލް ހަކުރު އިސްތިހާރު ކުރުންވެސް ދުނިޔޭގެ ފެންވަރެއްގައި މަނާކުރަން ވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ އިންޓިޓިއުޓުން އަންނަނީ މި ދިރާސާ ޑަބްލިއު.އެޗް.އޯ އާއި ހިއްސާކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. އިންސާނުންގެ ސިއްހަތަށް ފައިދާ ކުރާނޭކަމަށް ދެކިގެން އިންސާނުންގެ އަތްތަކުން އުފައްދާ މިފަދަ ކިތައްމެ އުފެއްދުމެއް، އާހިރުގައި އެއީ އިންސާނުންނަށް ބޮޑެތި ގެއްލުންދޭ އެއްޗެހި ކަމުގައި ވެގެން ގޮސްފައި ވެއެވެ. ވީއިރު، އާޓިފިޝަލް ހަކުރުވެސް ހަމަ އެ ގިންތީގެ ތެރޭގައި މި ދިރާސާގައި މިއޮތީ ހިމަނާފައެވެ.
ހަވާލާ: ވެނީސާ އެޓިއެންނާ، 2023، (ޕީޕަލްސް)، ލައިފްސްޓައިލް - ހެލްތް
