މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ޒޯން ބުރުގެ ފައިނަލް މެޗުތަކަށްފަހު މ. ދިއްގަރާއި، ކ. ގާފަރު އަދި ދ. ކުޑަހުވަދޫން ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒޯން ހަތަރެއްގެ ފައިނަލްގައި ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން، ދިއްގަރުން ވަނީ ޕެނަލްޓީ ޖަހައިގެން 5-4 އިން އދ. މާމިގިލި ބަލިކޮށްފައެވެ. ޒޯން ތިނެއްގައި ގާފަރުން ވަނީ 1-0 ގެ ނަތީޖާއަކުން އއ. ބޮޑުފޮޅުދޫ އަތުން މޮޅުވެފައެވެ. ކުޑަހުވަދޫން ވަނީ ޒޯން ފަހެއްގެ ފައިނަލްގައި ފަހަތުންއަރައި 2-1 އިން ތ. ތިމަރަފުށި ބަލިކޮށްފައެވެ.

ރޭ ކުޅުނު ތިން ފައިނަލަކީ ވެސް ކުރީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައި އޮތް ތިން މެޗެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން ރެ އަށް ފަސްކުރަން ޖެހުނީ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ތިމަރަފުށިން ލީޑްނެގީ ފަސްވަނަ މިނެޓުގައި އިބްރާހިމް ހަމްދާން ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) ދިން ރީތި ޕާހަކުން ހަމްދާން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަތް މިނެޓުފަހުން، ހާރޫން އިބްރާހިމް (ހާންޑޯ) ވަނީ ކުޑަހުވަދޫ އަށް އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗަށްފަހު ކުޑަހުވަދޫ ކުޅުންތެރިން ޒޯން ފަހެއްގެ ތަށްޓާއެކު. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

މި މެޗުގައި ކުޑަހުވަދޫން ޖެހި ދެވަނަ ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހާރޫން (ހާންޑޯ) އެވެ. އޭގެފަހުން، ތިމަރަފުށިން އެއްވަރުކުރަން ހަމްދާން އާއި އިބްރާހިމް ސިނާހު (ސިނާ) އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ. ރޭގެ ފައިނަލަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުޑަހުވަދޫގެ ހާރޫން (ހާންޑޯ) އެވެ. އެ ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހާސިލްކުރީ ތިމަރަފުށީގެ ހަމްދާން އެވެ.

ރޭ ކުޅެވުނު ޒޯން ހަތަރެއްގެ ފައިނަލްގައި ދިއްގަރުގެ ލަނޑުޖެހީ ނޫހު މަންސޫރު އެވެ. މި މެޗުގައި މާމިގިލިން އެއްވަރުކުރި ލަނޑަކީ ނޫހު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ދިއްގަރުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު މިދުހަތު މަހުމޫދު، ނޫހު، ހުސެއިން ފާރިޝް، އަލީ މާޖިދު އާއި އަލީ ވިއާމް އެވެ. އެ ޓީމަށް ނާކާމިޔާބުވީ މުހައްމަދު އަލީގެ ޕެނަލްޓީ އެކަންޏެވެ. މާމިގިލިން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ހަތަރު ޕެނަލްޓި އެވެ. އެ ޓީމުގެ ހައިޝަމް ޝަރީފްގެ ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އިބްރާހިމް ރިޒުހާން (ރިޒްކޮ) ގެ ޕެނަލްޓީ ދިއްގަރުގެ ކީޕަރު މަތަކުރިއެވެ. މާމިގިއްޔަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމް (ނިޒާމްބެ)، ހިސާމް ސަލީމް (ކޮކީ)، އިބްރާހިމް މައިސާން (މައި) އާއި އިސްމާއިލް ސައިފް އެވެ.

ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ދިއްގަރުގެ މުހައްމަދު އަލީ ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހޯދީ މާމިގިލީގެ ހިސާމް (ކޮކީ) އެވެ. 

މި މުބާރާތުގައި ރޭ ކުޅުނު އަނެއް ފައިނަލްގައި ޒޯން ތިނެއްގައި ހިމެނޭ ގާފަރުން ވަނީ 1-0 އިން ބޮޑުފޮޅުދޫ ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު، 8 ވަނަ މިނެޓުގައި ގާފަރަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރު އެވެ. މިއީ އެ ޓީމުގެ އަލީ މާއިސް (މައްޓު) ދިން ބޯޅައަކުން ސާމިން ކާމިޔާބުކުރި ގޯލެކެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ މައްޓު އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ހާސިލްކުރީ ގާފަރުގެ ނާއިހު މުފީދު (ނާހު) އެވެ.