ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުތައް ކާމިޔާބުކޮށް، އިންގްލެންޑްގެ ޗެލްސީ އާއި ޕޯޗުގަލްގެ ބެންފީކާ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި 1-0 އިން ބަލިވިނަމަވެސް، ރޭގެ މެޗުގައި ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށްފައެވެ. ދެ މެޗަށްފަހު ޗެލްސީ އަށް ކުރިލިބުނީ 2-1 ގެ އެގްރިގޭޓުންނެވެ. ބެންފީކާ އިން ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން މޮޅުވެ، ދެ މެޗުގެ އެގްރިގޭޓުން 7-1 އިން ވަނީ ކުރިހޯދާފައެވެ.

ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީބައިގައި ޗެލްސީ އަށް ލީޑްނަގައިދޭން ޔާއޯ ފެލިކްސް އާއި ކައީ ހަވާޓްޒްގެ އިތުރުން ބެން ޗިލްވެލް އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. މި ހާފުގެ ކުރީކޮޅު ޑޯޓްމަންޑްގެ ހޫލިއަން ބްރެންޓް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ޖިއޯ ރޭނާ އެވެ. ޗެލްސީން މި މެޗުގައި ލީޑްނެގީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ރަހީމް ސްޓާލިން ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ދެވަނަ ލަނޑުޖަހައިދިނީ ކައީ ހަވާޓްޒް އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ހަވާޓްޒް މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޗެލްސީގެ އިނގިރޭސި ފުލްބެކް ބެން ޗިލްވެލް ނެގި ހުރަހެއް ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ޑޯޓްމަންޑްގެ މާރިއަސް ވޮލްފް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެންމެ ފުރަތަމަ ހަވާޓްޒް ފޮނުވާލުމުން އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެކަމަކު، ޕެނަލްޓީ ފޮނުވާލި ވަގުތު ޑޯޓްމަންޑްގެ ކުޅުންތެރިން ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމުން އަލުން ފޮނުވާލަން ޖެހުމުން ހަވާޓްޒް އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ.

ބެންފީކާގެ ގޮންކާލޯ ރާމޯސް (ކ) ބްރޫޖް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: އީއެފްއީ

ދެވަނަ ހާފުގައި ޑޯޓްމަންޑަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، އެ ޓީމުގެ ވޮލްފް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ބޯޅަ ވެސް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާ ވަނީ ހުއްޓުވާފައެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ، ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، ސަޕޯޓަރުންވެސް ވަރަށް ހޫނު ތަރުހީބެއް ދިން ކަމަށެވެ.

"އަހަރެމެންނަށް ކުޅެން ޖެހުނީ ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ ޓީމަކާ ދެކޮޅަށް. ދެ މެޗަށްފަހު އަނެއް ބުރަށްދާން މި ޓީމު ހައްގު. މިއީ ވަރަށް ހާއްސަ ރެއެއް،" ޕޮޓާ ބުންޏެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާ އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސް އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ރަފާ ސިލްވާ އާއި ޖާއޯ މާރިއޯ އަދި ޑޭވިޑް ނެރޭސް އެވެ. މި މެޗުގައި ފެނިގެންދިޔަ ބްރޫޖްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބްޔޯން މެއިއާ އެވެ.