މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ބުރުގެ މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެއް މެޗަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށްޓާއި ކ. ގާފަރު ބައްދަލު ކުރާ މެޗަށެވެ.

މީގެކުރީން، މި ދެ ޓީމު ވަނީ މި ފަހަރުގެ މުބާރާތް ފެށުމަށް ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް ވާދަކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފައިވަނީ ތިމަރަފުށްޓާއި ގާފަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްެ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު އޮތީ 2-2 އިން ދެ ޓީމު އެއްވަރުވެފައެވެ. ތިމަރަފުށި މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. އެކަމަކު، މި ފަހަރުގެ މުބާރާތް ހުޅުވަން ކުޅުނު މެޗުން ގާފަރު މޮޅުވީ 3-0 އިންނެވެ.

މިރޭ ކުޅެވޭ ފާހަގަކޮށްލެވޭ އަނެއް މެޗަކީ، ޒޯން އެކެއްގެ ޗެމްޕިއަން ހދ. ނައިވާދޫއާ މާލޭ ސަރަހައްދުގެ ރަނަރަޕް ވިލިމާލެ ބައްދަލުކުރާ މެޗެވެ. ނައިވާދޫ ޓީމުގައި ރާއްޖޭގެ ފުޓްސަލްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ހިމެނެއެވެ. މާލޭގެ ވިލިނގިއްޔަށް ނިސްބަތްވާ ވިލިމާލޭ ޓީމުގައި އަބްދުﷲ ޝައްފާން (ޝާކާ)، އިސްމާއިލް ވަޖީހު (ވައްޖެ) އާއި އިސްމާއިލް ޝިޔާހު (ޝިޔަޅޭ) އަދި އިސްމާއިލް ވިފާގު (އިއްސެ) ހިމެނެއެވެ.

ގަދަ 16 ބުރުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ އިތުރު މެޗުތަކުގެ ތެރޭގައި؛ ގދ. ވާދޫއާ އދ. މާމިގިލި ބައްދަލުކުރާ މެޗާއި، ރ. އިނގުރައިދޫއާ ސ. ފޭދޫ ކުޅޭ މެޗުގެ އިތުރުން ޏ. ފުވައްމުލަކު ދަނޑިމަގާއި ދެކޮޅަށް ބ. އޭދަފުށި ކުޅޭ މެޗު ހިމެނެއެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެހެން މެޗުތަކަކީ؛ ލ. ގަމާއި މ. ދިއްގަރު ބައްދަލުކުރާ މެޗާއި، މާފަންނުން އއ. ބޮޑުފޮޅުދޫއާ ވާދަކުރާ މެޗު އަދި ދ. ކުޑަހުވަދޫއާ ށ. ކަނޑިތީމު ކުޅޭ މެޗެވެ.

ގަދަ 16 ބުރުގެ މެޗުތައް

20:00  ހދ. ނައިވާދޫ - ވިލިމާލެ (ގްރައުންޑް 1)

20:00  ރ. އިނގުރައިދޫ - ސ. ފޭދޫ (ގްރައުންޑް 2)

21:00  މ. ދިއްގަރު - ލ. ގަން (ގްރައުންޑް 1)

21:00  ކ. ގާފަރު - ތ. ތިމަރަފުށި (ގްރައުންޑް 2)

22:00  މާފަންނު - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 1)

22:00  ގދ. ވާދޫ - އދ. މާމިގިލި (ގްރައުންޑް 2)

23:00  ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު (ގްރައުންޑް 1)

23:00  ޏ. ފުވައްމުލަކު ދަނޑިމަގު - ބ. އޭދަފުށި (ގްރައުންޑް 2)