ލޮސް އެންޖެލަސް ލޭކާސްގެ ކުރީގެ ލެޖެންޑް ޕައު ގަސޯލްގެ ޝަރަފުގައި އެ ޓީމަށް ކުޅުނު ދުވަސްވަރު އޭނާ ބޭނުންކުރި "16 ނަންބަރު" ޖާޒީ ރަސްމީކޮށް ރިޓަޔާކޮށްފިއެވެ.

ގަސޯލް، 42، ބޭނުންކުރި "16 ނަންބަރު" ޖާޒީ ރިޓަޔާކުރުމަށް މެމްފިސްގައި މިއަދު ލޭކާސްއާ ދެކޮޅަށް ގްރީޒްލީސް ބައްދަލުކުރި މެޗުގެ ކުރީން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވި ހާއްސަ މެހުމާނުންގެ ތެރޭގައި ގަސޯލް އަށް ލޭކާސްގައި އިރުޝާދު ދިން ކޯޗު ފިލް ޖެކްސަން އާއި މިއާމީ ހީޓަށް މިހާރު ކުޅެމުން އަންނަ ޖިމީ ބަޓްލާ އާއި ގަސޯލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ މާކް ގަސޯލް ހިމެނެއެވެ. 

ގްރީޒްލީސް އަކީ ސްޕެއިނުގެ ބާސެލޯނާ ދޫކޮށް އެމެރިކާގެ އެންބީއޭ އަށް އެންމެ ފުރަތަމަ ބަދަލުވެ، ގަސޯލް ކުޅުނު ޓީމެވެ. ގަސޯލްގެ ކޮއްކޮ މާކްގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ވެސް އެ ޓީމާ އެކު އެވެ. 

ގަސޯލް، ލޭކާސް އަށް ބަދަލުވީ 08/2007 ވަނަ އަހަރުގެ އެންބީއޭ ސީޒަނުގެ މެދުތެރެއިން ގްރިޒްލީސް އިންނެވެ. އެއަށްފަހު ލޭކާސްގައި ހޭދަކުރީ ހަ ސީޒަނާއި ބައިގެ ތެރޭގައި އެންބީއޭ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވެއެވެ. އޭނާ ވަނީ އެވްރެޖްކޮށް 17 ޕޮއިންޓާއި 9.2 ރިބައުންޑް ނަގައި، ލީގުގައި ހޭދަކުރި 18 ސީޒަނުގައި ޖުމްލަ 20،000 އަށް ވުރެ ގިނަ ޕޮއިންޓް އެއްކޮށް، 11،000 އަށް ވުރެ ގިނަ ރިބައުންޑް ނަގައިފައެވެ.
 

ލޭކާސް އިން "16 ނަންބަރު" ޖާޒީ ރާފްޓާސް އަށް އުފުލާލުމާއެކު ގަސޯލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިފަހައްޓާލެވޭގޮތެއްނުވިއެވެ.

ހިތާމައަކީ ގަސޯލްގެ އެންމެ ފޭވަރިޓް އެއް ޓީމުގެ ކުޅުންތެރިޔާ އަދި ލޭކާސް އާއެކު ހޯދީ ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކޯބީ ބްރަޔަންޓް ނެތުމެވެ. ލޭކާސްގެ ލެޖެންޑް ބްރަޔަންޓް ވަނީ 2020 ވަނަ އަހަރު ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި މަރުވެފައެވެ. 

ބްރަޔަންޓް ނެތްނަމަވެސް ގަސޯލް އާއި ގާތް ގުޅުމެއް އޮންނަ އޭނާގެ އާއިލާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ. ބްރަޔަންޓްގެ ޖާޒީއާ ޖެހިގެން ގަސޯލްގެ ޖާޒީ އުފުލާލި ރެއެއްގައި އޭނާ ވަނީ ޓީމުގެ ކުޅުންތެރިޔާ ކައިރީގައި ނެތުމުން ހިތާމަކޮށް، އޭނާއާއެކު އުފާފާޅު ކުރަން އެތަނުގައި ހުރެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުނެފައެވެ.