ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 73,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 582 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 2,840 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ ކުރިއަށް ހުރީ 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިއީ 82.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.