މާބަނޑު ދުވަސްވަރު ޖުމްލަކޮށް ކޮންމެ އަންހެނެއްވެސް މޭނުބައިކޮށް ހޮޑު ލެވުމަކީ އާންމު ކަމެކެވެ. މިއީ ބައެއް މީހުން ކަންބޮޑުވާ ކަމެއް ނަމަވެސް މިއީ އަސްލުގައި ފެހި ސިގުނަލެކެވެ. ހޮޑުލުމުގައިވެސް މާ ގިނައިން ހޮޑު ލެވޭނެމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިއްމެވެ.
އަންހެނާ މާބަނޑުވުމުގެ މަރުހަލާގެ ފުރަތަމަ މަރުހަލާއަކީ ފިރިހެނާގެ ދަރިފަނި، އަންހެނާގެ ބިހުގެ ތެރެއަށް ވަންނަ ހިސާބުން ފެށިގެންނެވެ. މި މަރުހަލާއަށް ފާޓިލައިޒޭޝަން އޭ ކިޔައެވެ. މި މަރުހަލާ ކަޑައްތު ކުރުމަށްފަހު ދަރިމައިވެފައިވާ އެ ބިސް، ގޮސް އަންހެނާގެ ރަހިމުގެ ފާރެއްގައި ޖެހި ހަރުލައެވެ. އެހިސާބުން އެ ވާމަސް އުފެދެން ފަށައެވެ.
މާބަނޑުވުމާއި އެކު މޭ ނުބައިކޮށް ހޮޑުލެވެނީ މި ވާމަހުން އުފައްދާ ހޯމޯނެއްގެ ސަބަބުންނެވެ. އެއީ ހިއުމަން ކޮރިއޯނިކް ގޮނޯޑޯޓްރޮޕިން (އެޗް.ސީ.ޖީ) ނަމަކަށް ކިޔާ ހޯމޯނެކެވެ. މިއީ މާބަނޑުކަން ކަށަވަރުކުރުމަށް ހަދާ ލޭގެ ތަހުލީލުގައި ދެނެގަންނަ ހޯމޯނެވެ. އެ ތަހުލީލަކީ "ބޭޓަ-އެޗް.ސީ.ޖީ" އެވެ.
ވާމަހުން ލޭގެ ތެރެއަށް ފޮނުވައިދޭ މި ހޯމޯނުގެ މިންވަރު މަތިވެ އިތުރުވާ ވަރަކަށް މޭނުބައިކޮށް ހޮޑުލެވޭ މިންވަރު އިތުރުވެދެއެވެ. މޭނުބައިކޮށް ހޮޑެލެވޭ މިންވަރު މަދުވަނީ މި ހޯމޯނުގެ މިންވަރު މަދުވުމުންނެވެ. ފަހަރުގައި މި ހޯމޯނުގެ މިންވަރު މަދު ނުވިނަމަވެސް މޭނުބައިކޮށް ހޮޑުލެވުން މަދުވެދާނެއެވެ. މި ހޯމޯނަކީ ދުޅަހެޔޮ މާބަނޑުވުމަކަށް އަސާސީ ހޯމޯނެކެވެ.
ކަންމިހެން ހުރުމާއި އެކު މާބަނޑުވުމާއި އެކު މޭނުބައިކޮށް ހޮޑެލެވުނަސް އެކަމާ މާބޮޑަށް ފިކުރު ނުކުރާށެވެ. ފިކުރު ކުރަންވީ ހޮޑެލެވޭ ލެވުން މާ ގިނަވެ، ގައިގެ ވަރު މުޅިންހެން ދެރަވެފައިވާނަމައެވެ. އެހާލަތަކީ ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނޭ ހާލަތަކެވެ.
