ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުތަކަށްފަހު، ގދ. ވާދޫ، މާފަންނު، ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަދަ 16 ބުރުގައި ރޭ ގދ. ވާދޫން ވަނީ 3-0 ގެ ނަތީޖާއަކުން އދ. މާމިގިލި ބަލިކޮށްފައެވެ. ށ. ކަނޑިތީމު އަތުން 2-1 އިން ދ. ކުޑަހުވަދޫ މޮޅުވިއިރު، މާފަންނުން ވަނީ ފަސޭހަކަމާއެކު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އއ. ބޮޑުފޮޅުދޫ ބަލިކޮށްފައެވެ. ބ. އޭދަފުށިން ވަނީ 2-0 އިން ޏ. ފުވައްމުލަކު ދަނޑިމަގު އަތުން މޮޅުވެފައެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ވާދޫން ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ގޯލްވެސް ކާމިޔާބުކުރީ މުހައްމަދު އިޔާދު އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ރޭގެ މެޗުގައި މާމިގިއްޔަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ހިސާމް ސަލީމް (ކޮކީ) އަށް ނުކުޅެވުމެވެ.
ރޭގެ މެޗުގައި ކުޑަހުވަދޫން ޖެހި ގޯލްތައް ކާމިޔާބުކުރީ ހާރޫން އިބްރާހިމް (ހާންޑޯ) އާއި އަބްދުﷲ މުގުސިތު އެވެ. ކަނޑިތީމުގެ ހަމައެކަނި ލަނޑުޖެހީ އަހުމަދު ރިޒާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ މުގުސިތު އެވެ.
ބޮޑުފޮޅުދޫ ކޮޅަށް މާފަންނުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މުހައްމަދު އިމްރާން (އިންމި) އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ މުހައްމަދު ލިޔާހު އާއި ހުސެއިން ސުހައިލް (ސޮކޭ) އަދި މުހައްމަދު ޔަފާއު (ޔާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މާފަންނުގެ އިންމި އެވެ.
އޭދަފުށިން ދަނޑިމަގު ކޮޅަށް ވައްދާލި ފުރަތަމަ ގޯލަކީ އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ބޯޅައެއް ދަނޑިމަގުގެ ކީޕަރު އަޝްރަފް އާއި އެ ޓީމުގެ އިނާން ގައިގަ ޖެހިފައި ވަތް ލަނޑެކެވެ. އޭދަފުށިން ޖެހި ދެވަނަ ލަނޑަކީ ދަނޑިމަގުގެ އިސްމާއިލް އަލީފް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ ސައްޓު އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވާ ހޮނިހިރު ދުވަހު އެވެ.
ކުއާޓާ ފައިނަލް މެޗުތައް:
ހދ. ނައިވާދޫ – ރ. އިނގުރައިދޫ
ލ. ގަން – ތ. ތިމަރަފުށި
މާފަންނު – ގދ. ވާދޫ
ދ. ކުޑަހުވަދޫ – ބ. އޭދަފުށި
