މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކ. ގާފަރު ބަލިކޮށް ތ. ތިމަރަފުށިން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ރ. އިނގުރައިދޫ އާއި ލ. ގަން އަދި ހދ. ނައިވާދޫން ވެސް ވަނީ އެ މުބާރާތުގެ ގަދަ 8 ގެ ތެރޭގައި ހިމެނި އަނެއް ބުރުން ޖާގަ ހޯދާފައެވެ.

ގަދަ 16 ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށްޓާއި ގާފަރު ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ލަނޑެއްނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި ތިމަރަފުށިން ކުރިހޯދީ 5-3 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު ދެ ޓީމުން ވެސް ކުޅުނީ އަނެއް ޓީމުގެ އެޓޭކްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވީ 0-0 އިން އެއްވަރުވެގެންނެވެ. 

ނަތީޖާނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ތިމަރަފުށިން ފޮނުވާލި ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއީ، އާދަމް ނާސިހު (އާދަންނާ)، އަހުމަދު ހައިލަމް، އިބްރާހިމް ސިނާހު (ސިނާ) އާއި އަބްދުﷲ ޒިޔާންގެ އިތުރުން އެ ޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކުރި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ގާފަރުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމަށް ނާކާމިޔާބުވީ އައްޒާމް ނިޔާޒް ފޮނުވާލި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން މަތަކުރިއެވެ. ގާފަރުން ޕެނަލްޓީ ކާމިޔާބުކުރީ، އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝީދު އަދި އިބްރާހިމް ރިމާހު (ރިމޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ކީޕަރު ޝަރުހާން އެވެ.

ރޭގެ މެޗުގައި އިނގުރައިދޫގެ ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

ނައިވާދޫން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ވިލިމާލެ އަތުން މޮޅުވެފައެވެ. މި މެޗުގައި ނައިވާދޫގެ މުހައްމަދު އަސްލަމް އާއި ހުސެއިން މައިޝާންގެ ގޯލްތަކުން ލީޑްނަގާފައިވަނިކޮށް، ވިލިމާލޭގެ އަލީ ޝިޔާހު (ޝިޔަޅޭ) އާއި އިސްމާއިލް ވިފާގު (އިއްސެ) ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. މި ނަތީޖާގައި އޮވެ، ނިމެން ދަނިކޮށް ނައިވާދޫ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މިި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަސްލަމް އެވެ.

އިނގުރައިދޫން ގަދަ 16 ބުރުގެ މެޗުގައި ސ. ފޭދޫ އަތުން 4-1 އިން މޮޅުވިއިރު، އެ ޓީމުގެ އަހުމަދު އައިހަމް (އައިހު) ވަނީ ހެޓްރިކެއް ހަދާފައެވެ. އިނގުރައިދޫގެ އަނެއް ލަނޑުޖެހީ މުހައްމަދު ޖުމާން އެވެ. މި މެޗުގައި ފޭދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޔޫސުފް ސިދާމް އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އިނގުރައިދޫގެ އައިހަމް އެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި މ. ދިއްގަރު އަތުން ގަން މޮޅުވީ 3-2 އިންނެވެ. މި މެޗުގައި ގަމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. ދިއްގަރުގެ ލަނޑުތައް ޖެހީ ހުސެއިން ފާރިޝް އާއި މުހައްމަދު އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ އައްމަޑޭ އެވެ.