ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު ސްޓެލްކޯގެ 4 މުވައްޒަފަކަށް މިއަހަރުވެސް ދީފިއެވެ.

1444 ވަނަ އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމާއި ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

މިއަހަރުގެ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުންނެވެ.

މީގެއިތުރުން ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން އަދި އަންހެން 56 މުވައްޒަފުންނެވެ.

މި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައިވަނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ ޢަބްދުﷲ ޝަރީފް އެވެ. އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ ޙަދީޖާ ތައުފީޤާ އެވެ.

ޤުރުއަތުލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ ފިރިހެން މުވައްޒަފަކީ ސާރވިސް ސެންޓަރުގެ ޝާހުލް ހަމީދު އެވެ. އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ފާތިމަތު ރިޒްނާ އެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. 

އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.