މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ރ. އިނގުރައިދޫ، ލ. ގަން، ގދ. ވާދޫ އަދި ދ. ކުޑަހުވަދޫން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ އިނގުރައިދޫ އާއި ވާދޫން މި މުބާރާތުގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އަށް ފަހުގައެވެ.
މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ތ. ރިމަރަފުށްޓާއި، ގަން ވާދަކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ގަން މޮޅުވީ 4-3 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ގަމުން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި ތިމަރަފުށިން ފޮނުވާލި ގިނަ ހަމަލާތަކެއް ގަމުގެ ކީޕަރު ހުއްޓުވާފައިވާއިރު، އެ ޓީމުން ލަނޑެއްޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ގަމުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އަހުމަދު ހަލީމް (އައްމަޑޭ) ފޮނުވާލި ފުރަތަމަ ޕެނަލްޓީ އެވެ. ގަމުން ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ނާޝިދު (ނާއްޓޯ)، އަލީ ޝާމިސް (ތޮއްޕޭ) އާއި އޮންލީ އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ތިމަރަފުށީގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމުން ކާމިޔާބުކުރީ އަހުމަދު ހައިލަމް އާއި އިބްރާހިމް ސިނާހު އަދި ޒިޔާން އެވެ. ތިމަރަފުށްޓަށް ނާކާމިޔާބުވީ އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް ހަމްދާންގެ ޕެނަލްޓީ އެވެ.
މި މުބާރާތުގައި ރޭ ހދ. ނައިވާދޫއާ ދެކޮޅަށް އިނގުރައިދޫ ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވުމުން، އިނގުރައިދޫން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ކުރިހޯދާފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކުރީން ލީޑްނެގީ ނައިވާދޫންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަބްދުﷲ ވިސާމް (ވިޝަންޓޭ) އެވެ. ދެވަނަ ހާފުގައި ކުރީކޮޅު އިނގުރައިދޫން އެއްވަރުކުރީ މުހައްމަދު މަމްދޫހު އެވެ. ނައިވާދޫން ދެވަނަ ފަހަރަށް ލީޑްނެގީ ޔާމިން މުހައްމަދު (ޔާންޓެ) ކާމިޔާބުކުރި ގޯލުންނެވެ. އިނގުރައިދޫ އަށް އަލުން އެއްވަރުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭގެފަހުން، މި މެޗުގައި ފުރަތަމަ ފަހަރަށް އިނގުރައިދޫން ލީޑްނެގީ މުހައްމަދު މަމްދޫހުގެ ގޯލުންނެވެ. އެކަމަކު، މެޗު ނިމުމުގެކުރީން ނައިވާދޫން އަލުން އެއްވަރުކުރީ ވިޝަންޓޭގެ ގޯލުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިނގުރައިދޫން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ އަހުމަދު އައިހަމް، އަބްދުﷲ ސަނޫން އާއި އަހުމަދު މަޝީދު އަދި މަމްދޫހު އެވެ. ނައިވާދޫ އަށް ކާމިޔާބުކުރެވުނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާންޓެގެ ޕެނަލްޓީ އެކަންޏެވެ.
ބ. އޭދަފުށްޓާއި، ކުޑަހުވަދޫ ބައްދަލުކުރި މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅެވުނު ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހުވަދޫން ކުރިހޯދީ 3-2 އިންނެވެ. ކުއާޓާގެ އަނެއް މެޗުގައި ވާދޫން ވަނީ 4-1 ގެ ނަތީޖާއަކުން މާފަންނު ބަލިކޮށްފައެވެ.
ކުޑަހުވަދޫން ރޭގެ މެޗުގައި ކާމިޔާބުކުރި ޕެނަލްޓީތައް ފޮނުވާލީ އިރުޝާމް އާދަމް ނަސީރު އާއި އަޔާޒް މުހައްމަދު އަދި އިރުފާން އާދަމް ނަސީރު އެވެ. އޭދަފުށިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހާފިޒް އަހުމަދު އާއި ސުލްތާން ހަބީބު އެވެ.
ރޭގެ މެޗުގައި ވާދޫން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑުޖަހައިދީ މުހައްމަދު އިޔާދު އަލީ ވަނީ ހެޓްރިކް ހަދައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް ޝައުފް އެވެ. މާފަންނުގެ ހަމައެކަނި ލަނޑުޖެހީ އެ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ނާޖިހު އެވެ.
