އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް ބަލިކޮށް އާސެނަލުން ތާވަލްގެ ކުރީގައި އެ ޓީމު ދަމަހައްޓަމުން އަންނަ ފަސް ޕޮއިންޓްގެ ލީޑް ދެމެހެއްޓިއިރު، ފުލުގައި އޮތް ސައުތެމްޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ.

އާސެނަލުން ވަނީ ރަށުން ބޭރުގައި 3-0 އިން ފުލަމް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މިރޭގެ މެޗުތަކަށްފަހު އާސެނަލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، ހަތަރެއްގައި ޓޮޓެންހަމް ހޮޓްސްޕާ އޮތީ 27 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.

ފުލަމްގެ ކްރޭވަން ކޮޓެޖްގައި މިރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް މަގަލޭޝް ވައްދާލި ލަނޑުންނެވެ. އެ ޓީމުގެ ބެލްޖިއަމް ވިންގް، ލެއަންޑްރޯ ޓްރޮސާޑް ނެގި ކޯނަރަކުން ގެބްރިއަލް މި ލަނޑުޖެހީ ބޮލުންނެވެ. އޭގެކުރީން، އާސެނަލްގެ ވިންގް، ގެބްރިއެލް މާޓިނެލީ ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑް (ވ) އަތުން ބޯޅަ ހޯދަން ފުލަމްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ

މެޗުގެ 26 ވަނަ މިނެޓުގައި މާޓިނެލީ ވަނީ ފުލަމްގެ ފުލްބެކް އެންޓޮނީ ރޮބިންސަން ކައިރިން ފާރޕޯސްޓުން އަރައި ބޮލުން ވައްދާލި ލަނޑާއެކު އާސެނަލްގެ ލީޑް ފުޅާކޮށްދީފައެވެ. އަދި އެއަށްފަހު ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. ފުރަތަމަ ގޯލްގެ އިތުރުން މި ދެ ލަނޑުޖަހަން އެހީތެރިވެދިނީ ވެސް ޓްރޮސާޑް އެވެ. 

ފުލަމް އިން ދެވަނަ ހާފު ފެށީ ރަނގަޅަށެވެ. މި ހާފު ފެށިތާ ކުރީކޮޅު އެ ޓީމުގެ ބޮބީ ޑި ކޯޑޯވާ-ރީޑް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހުއްޓުވިއެވެ. އަދި އޭގެފަހުން، އެ ޓީމުގެ ޑިފެންޑަރު ޓޯސިން އަޑަރާބިއޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އެއަށްފަހު މެޗުގެ ފަހުބައިގައި ކުޅެން ނިކުތް އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް އަށް އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕްގައި މިދިޔަ ނޮވެންބަރު މަހު ކެމަރޫންއާ ދެކޮޅަށް ބްރެޒިލަށް ކުޅެދިން މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު ޖެސޫސް ކުޅެން ނިކުތް ފުރަތަމަ ފަހަރެވެ.

ސައުތެމްޓަނާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާއިރު، އޭގެފައިދާނަގައި ސައުތެމްޓަނުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 

މި މެޗުގައި ސައުތެމްޓަންގެ ކާލޯސް އަލްކަރާޒް އާއި ތިއޯ ވޮލްކޮޓަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ސައުތެމްޓަންގެ ފުލްބެކް، ކައިލް ވޯކާ-ޕީޓާސް ނެގި ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ފެނުޖެހުނު ބޯޅަ ސްކޮޓް މެކްޓޮމިނޭގެ ފައިގަ ޖެހިފަ ގޯލަށް ވަންނަން ދަނިކޮށް އާރޮން ވަން-ބިސާކާ ވަނީ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ޔުނައިޓެޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ސައުތެމްޓަންގެ ކީޕަރު ގެވިން ބަޒުނޫ އަތުގައި ޖެހިފަ ބޭރަށް ދިޔައީ އަރިމަތީދަނޑީގައި ޖެހިފައެވެ. ސައުތެމްޓަންގެ ކެޕްޓަން ޖޭމްސް ވޯޑް-ޕްރައުސް ފޮނުވާލި ހިލޭޖެހުމެއް ހުރަސްދަނޑީގައި ޖެހިފައި ބޭރަށްދިޔައިރު، އެ ޓީމުގެ ވޯކާ-ޕީޓާސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.