22 ވަނަ އިންޓަސްކޫލް ކެރަމް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 23 އިން 30 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ އިންޓަ ސްކޫލް ކެރަމް މުބާރާތުގައި ހަތަރު އުމުރުފުރާ ހިމެނޭ ގޮތަށް، ޖުމްލަ 13 ސްކޫލަކުން ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވެއެވެ.
ސީއެޗްއެސްއީގެ ހޯލްގައި ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް ހޮވުނު ކުދިންނަށް އިނާމާއި މެޑަލް ދީފައިވާއިރު، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރައްވާފައިވާ އަލީ މާހިރު އެވެ.
އެގޮތުން، މި ފަހަރުގެ އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕްގައި އެންމެ ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކުރީ ތާޖުއްދީން ސްކޫލުންނެވެ. އެ ސްކޫލަށް ނިސްބަތްވާ ކުދިން ވަނީ ޖުމްލަ 20 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި، 10 ރަން މެޑެއްޔާއި، ތިން ރިހި މެޑެލް އަދި ހަތް ލޯ މެޑެލް ހިމެނެއެވެ. ދެން އެންމެ ގިނައިން މެޑެލް ހާސިލްކުރީ ސީއެޗްއެސްއީ އިންނެވެ. އެ ސްކޫލުން ވަނީ ހަ ރަން މެޑެއްޔާއި، 1 ރިހި މެޑެލް އަދި ހަތަރު ލޯ މެޑެލް ހޯދާފައެވެ.
މީގެއިތުރުން، މި މުބާރާތުގައި މާލޭން ބޭރުން ވާދަކުރި ހަމައެކަނި ސްކޫލް ކަމަށްވާ ބ. ގޮއިދޫ ސްކޫލުން ވަނީ ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. އެ ސްކޫލުން ވަނީ އެއް ރަން މެޑެއްޔާއި، ދެ ރިހި އަދި އެއް ލޯ މެޑެލް ހޯދާފައެވެ.
މެޑެލް ލިސްޓު:
- ތާޖުއްދީން ސްކޫލް ( 10 ރަން މެޑެލް - 3 ރިހި މެޑެލް - 7 ލޯ މެޑެލް )
- ސީއެޗްއެސްއީ ( 6 ރަން މެޑެލް - 1 ރިހި މެޑެލް - 4 ލޯ މެޑެލް )
3. ޖަމާލުއްދީން ސްކޫލް ( 3 ރަން މެޑެލް - 3 ރިހި މެޑެލް - 2 ލޯ މެޑެލް )
4. އިމާދުއްދީން ސްކޫލް ( 1 ރަން މެޑެލް - 5 ރިހި މެޑެލް )
5. މަޖީދިއްޔާ ސްކޫލް ( 1 ރަން މެޑެލް - 2 ރިހި މެޑެލް - 3 ލޯ މެޑެލް )
6. ގޮއިދޫ ސްކޫލް ( 1 ރަން މެޑެލް - 2 ރިހި މެޑެލް - 1 ލޯ މެޑެލް )
7. ޣާޒީ ސްކޫލް ( 1 ރަން މެޑެލް - 2 ލޯ މެޑެލް )
8. އަމީނިއްޔާ ސްކޫލް ( 1 ރަން މެޑެލް - 1 ލޯ މެޑެލް )
9. އިސްކަންދަރު ސްކޫލް ( 4 ލޯ މެޑެލް )
9. އަރަބިއްޔާ ސްކޫލް ( 4 ލޯ މެޑެލް )
10. ހިރިޔާ ސްކޫލް ( 2 ލޯ މެޑެލް )
