އެފްއޭއެމް، 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

އެ ސްކޫލުން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އިސްކަންދަރުން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަލާފާނު ސްކޫލް ބަލިކޮށްފައެވެ.

ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އިސްކަންދަރުން ލީޑްނެގީ މުހައްމަދު ލާމިހު އިމްތިޔާޒު ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މުހައްމަދު އިލާން އިމްރާން ވަނީ އިސްކަންދަރުގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓާއި އިތުރުވަގުތުގައި ދެލަނޑުޖަހައި، އިލާން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ހެޓްރިކް ހެދި ފަސްވަނަ ފަހަރެވެ. 

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި އިސްކަންދަރުގެ ފަސްވަނަ ލަނޑުޖެހީ ވެސް އިލާން އެވެ. އަދި އޭގެފަހުން، މެޗުގެ 42 ވަނަ މިނެޓުގައި އިލާން ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 6-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި ކަލާފާނުން ޖެހި ހަމައެކަނި ލަނޑު، 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު އަފްނާން އަލީ އެވެ. މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އިސްކަންދަރުގެ ފަހު ލަނޑުޖެހީ އަލްސަން އަހުމަދު އެވެ.

ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އިސްކަންދަރުގެ އިލާން އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި 38 ލަނޑުޖަހައިފައެވެ.