ޑިޒްނީގެ “ދަ ލިޓްލް މާރމެއިޑް” ގެ ޓްރެއިލާ އާއި ޕޯސްޓަރ އެންމެ ރިލީޒް ކޮށްފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި ޓްރެއިލާ ގެނެސްދިނީ 95 ވަނަ އެކެޑެމީ އެވޯޑްސްގެ ތެރެއިން ފިލްމުގެ ދެ ފަންނާނުން ކަމަށްވާ ހެލީ ބެއިލީ އާއި މެލިސާ މެކާތީ އެވެ. ފަންނުވެރި ފިލްމު އުފެއްދުންތެރިޔާ ރޮބް މާޝަލް ޑައިރެކްޓްކޮށްފައިވާ ޑިޒްނީގެ 'ދަ ލިޓްލް މާރމެއިޑް' އަކީ 1989 ވަނަ އަހަރު ނެރުނު އެނިމޭޓެޑް މިއުޒިކަލް ކްލާސިކްގެ ލައިވް އެކްޝަން ވާޝަން ކަމަށާއި، 2023 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު މި ފިލްމު ރިލީޒް ކުރަން ތައްޔާރުވެފައިވާ ފިލްމެގެ ޓީމުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
2:23މިނެޓްގެ މި ޓްރެއިލާއިން ފެންގަނޑު އަޑީގެ ދުނިޔެ ފެނިގެންދެއެވެ. ދަ ލިޓްލް މެރމެއިޑް ބިނާ ވެފައިވަނީ އެޑްވެންޗަރ އަށް ޝައުގުވެރިވާ ފެނު އަޑީގެ ހުރިހާ ދިރުމެއްގެ ލޯބިލިބިފައިވާ މެރމެއިޑެއް ކަމަށްވާ އެރިއެލްގެ މައްޗަށެވެ. އެރިއެލް އަކީ ޓްރިޓަން ރަސްގެފާނުގެ އެންމެ ހަގު އަންހެން ދަރިފުޅެވެ. އޭނާ އެދެނީ ފެނުން ބޭރުގައި ދުނިޔެއާ ބެހޭ ގޮތުން އިތުރަށް ހޯދުމަށެވެ. މެރމެއިޑްސް އަށް އިންސާނުންނާ މުއާމަލާތް ކުރުމުގެ ހުއްދަ ނުދިން ނަމަވެސް، އެރިއެލް އިޚްތިޔާރު ކުރަނީ އޭނާގެ ހިތުގެ ވާހަކަ އަޑުއަހާށެވެ. ފެނުން ބޭރުގައި ދިރިއުޅުން ތަޖުރިބާ ކުރުމަށްޓަކައި އެރިއެލް ކަނޑުގެ ސިހުރުވެރިޔާ އުރުސުލާއާ އެކު އެއްބަސްވުމެއް ހަދައެވެ. މޮޅު ވިޝުއަލައިޒޭޝަން އާއި އަޖައިބު ކުރުވަނިވި ކާސްޓުންނާއި ތަފާތު ބެކްގްރައުންޑް މިއުޒިކްއެއް އެކުލެވޭ މި ފިލްމަކީ ވަރަށްވެސް ތަފާތު ފިލްމަކަށް ވެގެން ދާނެއެވެ..
