ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ސިއްހީ ފުރަތަމަ އެހީގެ ޕްރޮގްރާމަކާއި އިންޖީނު ރޫޅާ ރާވަން އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ކުންފުނިން ބުނީ ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމުތަކެއް ބޭއްވީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ، ތައްޔާރުވެ ތިބުމަށް އުނގަންނައިދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ކެންސަރަށް އަހުލުވެރިކުރުމަށް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެއް ކަމުގައި ބުނެއެވެ.
އިންޖީނު ރޫޅާ ރޭވުމަށް މުއައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ޓެކްނީޝަން ޓްރެއިނިންގ ޕްރޮގްރާމު މި ފަހަރު ބޭއްވީ ކަމިންސް QSK60 އަދި K50 އިންޖީނުތަކުގެ އަސްލު ސްޕެއަރ އާއި އެކު އޯވަހޯލް ކުރުމަށް ހާއްސަކޮށްގެންނެވެ.
ޕްރެކްޓިކަލް ސެޝަންތައް ކ. މާފުށީގައި ބޭއްވިއިރު، ޕްރޮގްރާމްގެ ތިއަރީ ސެޝަންތައް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.
