"ޕަޓާން"ގެ ކާމިޔާބަށްފަހު ބޮލީވުޑް ކިންގ ޝާހްރުކް ޚާން އަވަދިނެތި މިހާރު އުޅެނީ އަތުލީ ޑައިރެކްޓްކުރާ ފިލްމު "ޖަވާން"ގެ ޝޫޓިންގތައް ފުރިހަމަ ކުރުމުގައެވެ. ކުރިއަށް އޮތް އެކްޝަން/އެންޓަރޓެއިނަރ "ޖަވާން"ގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ނަމަވެސް ފެންނަ ފެނުމަށް ލަފާކުރެވެނީ ފިލްމު ރިލީޒްކުރަން ކުރިން ނިންމައިފައިވާ ތާރީޚަށް ފިލްމު ތައްޔާރު ނުކުރެވޭނެ ކަމަށެވެ.

ފިލްމު ރިލީޒްކުރަން ނިންމައިފައިވާ ތާރީޚަކީ މިއަހަރުގެ ޖޫން 2 ކަމަށް މީގެ ކުރިން ފިލްމުގެ ޓީމުން ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ބައެއް ރިޕޯޓްތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ފިލްމު މިއަހަރުގެ އޮކްޓޫބަރާ ހަމައަށް ލަސްވުން އެކަށީގެންވެއެވެ. 

ފިލްމުގެ ޝޫޓިންގތައް ކުރިއަށް ދަނީ ވަރަށް ބާރަށެވެ. އެހެންނަމަވެސް ފިލްމުގެ ކުޑަބޮޑު މިނަށް ބަލާއިރު އިތުރު ވަޤުތު ބޭނުންވާ ކަމަށް ޝާހްރުކް ދަނީ ބުނަމުންނެވެ. ނަމަވެސް ފިލްމު ރިލީޒްކުރަން ބުނެފައި އިން ތާރީޚުގައި ފިލްމު ރިލީޒްކުރާނެ ކަމަށް ވަރަށް ޔަޤީންކަމާއެކު ޑައިރެކްޓަރު ދަނީ ބުނަމުންނެވެ. އަދި މިކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ކައިރި މުސްތަޤްބަލެއްގައި ބާއްވާނެ ކަމަށާއި އެއަށްފަހު ސީދާ ތާރީޚެއް އަދި ފައިނަލް ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. 

ޝާހްރުކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑަންކީ" ހިމެނެއެވެ. "ޑަންކީ"އަކީ މިއަހަރުގެ ފަހުކޮޅު ރިލީޒްކުރަން ނިންމައިފައިވާ ފިލްމެކެވެ.