ފިނިފިނި ވައިރޯޅިތައް ހަނާ އަޅަމުންދިޔަ ހަތިފުށިން ފެންނަމުން ދިޔައީ އަމާންކަމާއި ހިމޭންކަމެވެ. ރުށްތަކުގެ ފަންތައް ވައިރޯޅިއާ އެއްވަރަށް ނަށަމުންދިޔައިރު ފެނިގެންދިޔައީ ރަށުގެ ގުދުރަތީ ރީތިކަމުގެ ފުރިހަމަކެމެވެ. ނަމަވެސް ރަށުތެރެއަށް ވަދެ ހިނގަމުން ދިޔައިރު ފެންނަމުން ދިޔައީ އެތައް ޒަމާންތަކެއް ވަންދެން މީހުން ދިރިއުޅެމުން ގޮސްފައިވާ ގެތައް ވީރާނާވެ ފަޅުވެފައިވާ މަންޒަރެވެ. ބައެއް ގެތައް ބިމާ ހަމަވެ ގެއެއްކަން ވަކިކުރަން ނޭގޭހާބޮޑަށް ހަލާކުވެފައިވާއިރު އަނެއްބައި ގެތައް ވީރާނާނުވެ ހުއްޓެވެ. ރަށުގެ ބޮޑުމަގުގައި ވަނީ ގަސްހެދި ވަލަށްވެފައެވެ. މިރަށުގައި ދިރިއުޅުނު ގިނަމީހުންގެ ހަޔާތުގައި ޖެއްސި ރީތި ކުލަތައް ހަމަގައިމުވެސް މިރަށުގައި ފޮރުވިފައި ވާކަހަލައެވެ.

ތިލަދުންމަތި އުތުރުބުރީ ހަތިފުއްޓަކީ އިހަވަންދިއްޕޮޅުގެ ހުޅަނގުފަޅީގައި އޮންނަ ހޯރަފުށީގެ ފަޅުތެރޭގައި ހިމެނޭ ރަށެކެވެ. މިރަށުގެ ތިމާވެއްޓަށް ކުރިމަތި ވަމުން އައި ބޮޑެތި މައްސަލަތަކާއި އެކު 2007 ވަނަ އަހަރު ސަރުކާރުންވަނީ މިރަށުގެ މީހުން ހދ ހަނިމާދޫއަށް ބަދަލުކޮށްފައެވެ. ކުޑަ ރަށެއްގެ ގޮތުގައި ހަތިފުށި ފާޙަގަ ވީނަމަވެސް މިއީ ރާއްޖޭގައި މަޝްހޫރުރަށެކެވެ. މީހުންދަންނަ، އަޑުއަހާ ފަރިތަ ރަށެކެވެ. ދިގުމިނުގައި 0.270 އަދި ފުޅާމިނުގައި 0.170 ކިލޯމީޓާރު ހުންނަ ހަތިފުށީގެ އާބާދީއަކީ 265 މީހުންނެވެ.

ހިއްސުތަކަށް ދެނެގަނެވޭ އެއްޗެހި ނަމަވެސް އެތަކެތީގެ އަގުކުރުން އިންސާނާ ނުކުޅެދުންތެރިވެދާނެއެވެ. މިރަށުގައި އެތައްބައެއް ދިރިއުޅެމުންއައި ސީދާސާދާ ދިރިއުޅުން ހަމަގައިމުވެސް އަދިވެސް މިރަށު ރައްޔިތުންގެ ހަނދާނުގައި ހަރުލާ ހުންނާނެކަން ގައިމެވެ. ޔަގީނުންވެސް އެރަށުގެ އިސްރަށްވެހީންގެ ޅައިރުގެ ހަނދާންތައް މިހާރުވެސް ހޭލައްވާލާނެއެވެ. އުފަން ރަށުގެ އުފަން ފަސްގަނޑުގައި ކިހާ ހަނދާންތަކެއް އެކުލެވިފައި ވާނެތޯއެވެ. އެމީހުންގެ ދަރިންގެ އެންމެ ފުރަތަމަ ފިޔަވަޅުތައް އަޅާފައިވާ ފަސްގަނޑެވެ. ރަށުގެ އުތުރު ފަރާތުގައި ކުދިބޮޑު އެންމެން އެއްވެއުޅޭ ހަނދާންތަކެވެ. ހުދުސާލެއްހެން ފަތުރާލާފައިވާ ރަށުތުނޑިއަށް ގޮސްއުޅުނު ހަނދާންތަކެވެ. ހޮޅުއަށިތަކުގައި އެކުވެރިންނާއިއެކު ސައްލާ ކުރަން ހޭދަކުރި ވަގުތުތަކެވެ. ގޭދޮށު ބަނބުކެޔޮ ގަހުގައި ހުރި ކެޔޮތައް ކަނޑައިގެން އެގަސްތައް ދޮށުގައި ރަށުގެ އަންހެންވެރިން އަވަށްޓެރިންނާއިއެކު ނިކުމެ ބަނބުކެޔޮ ތެލުލާ، ހަވާދާއި ހަދިޔާ ހެދި ދުވަސްތަކުގެ ހަނދާން ތަކެވެ. މިއީ ހަމަގައިމުވެސް މިހާރުގެ ހަލަބޮލި ތަރައްގީގައި ދިރިއުޅުމުން ހޯދޭނެ ދުވަސްތަކެއް ނޫނެވެ.

ހަތިފުށީގައި އިމާރާތް ކޮށްފައިވާ ގެތަކަށް ބަލާލާއިރު މިހާރުވެސް އިހު އެވޭލާ ޒަމާނުގައި ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ގެތައް ފެންނަން އެބަހުއްޓެވެ. އެގޮތުން ބަދިގެޔާއި ގިފިއްޔާ އެތެރެގެ ހިމެނޭހެން، ހިރިގަލުން ރާނާފައިވާ ގެތައް ފެންނަން އެބަހުއްޓެވެ. އެގެތަކުން މަސައްކަތް ތެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ. އެހާރާއި މިހާރުގެ ކުލަވަރުތައް ހަތިފުށީގެ ގެތަކުން މިހާރުވެސް ފެންނަން ހުރިއިރު، ހަމަގައިމުވެސް އެގެތައް އިމާރާތް ކޮށްފައިއެވަނީ ހަތިފުއްޓަށް ނިސްބަތްވާ މީހުންގެ އަމިއްލަ އަތްތަކުން ކަން ގައިމެވެ. އެއީ ކިހާ ހަނދާނެއްތޯއެވެ. ކިހާ މަސައްކަތަކާއި ވަގުތެއްތޯއެވެ. މިހާރު ވަށައިގެން ހަތަރުފާރު ހުރިނަމަވެސް އެއީ އެތައްބައެއްގެ ޒުވާންދުވަސްވަރުގެ ހަނދާންތަކެވެ. އަލަތު ކައިވެނީގެ ދުވަސްތައް އެކުގައި ހޭދަކުރަން އަމިއްލަ އަތްތަކުން ބިނާކުރި ގޯތިގެދޮރާއި، ދަރިންލިބި އެކުދިންނާއި އެކު ހޭދަކުރަމުންއައި އުފާވެރި ވަގުތުތަކުގެ ހަނދާންތައް ފަސްއަޅާލުމަށްފަހު އުފަންރަށް ދޫކޮށް އެހެން ރަށެއްގައި ދިރިއުޅެމުން އައިނަމަވެސް ހަތިފުށީ ރައްޔިތުންގެ ހަނދާނުގައި ރަށުގެ ދުވަސްވަރު މިއަދުވެސް ހަރުލާހުންނާނެކަން ގައިމެވެ.

ހަތިފުށީގައި ލަފާ ފުރަން ބޮޑު ބަނދަރެއް ނޯވެއެވެ. ލަކުޑިން ހަދާފައިވާ ކުޑަ ފާލަންވަނީ ވީރާނާވެ ނެތިގޮސްފައެވެ. ހަތިފުއްޓަށް ނިސްބަތްވާ މިހާރުގެ ކުދިންނަށް އެރަށުގައި ދިރިއުޅެމުން އައި އެކުދިންގެ މާމާ އަދި ކާފަގެ ހިތްގައިމު ދިރިއުޅުމުގެ މަންޒަރު ތަސައްވަރު ނުކުރެވިދާނެއެވެ. އޮޑިދޯނިފަހަރު ރަށުގެ ފަޅުތެރެއަށް ވަނުމުން ބޮއްކުރާގައި ކަނބާފައި އެތައް މުންޑަކާއި ކަނޑިކި ކޮށިކޮށްގެން ހަތިފުއްޓަށް އޮޑިން މޫދަށް ފައިބާއިރު ކަށިމަތިތަކުގައި އެޅި ހިތްގައިމު އޮއިވަރު ހަމަގައިމުވެސް އަދިވެސް ހަނދާނުގައި ހުންނާނެއެވެ.
މިއީ އެތައްބައެއްގެ ޅަދުވަހުގެ ހަނދާނާ ގުޅިފައިވާ ރަށެކެވެ. ކޮންމެ އިންސާނަކު ވެސް އެމީހެއްގެ އުފަން ބިންދެކެ ލޯބިވާނެވެ. އެރަށް ހާއްސަވާނެއެވެ. ސަބަބުތަކަކާއި އެކު އުފަން ރަށްދޫކޮށްފައި އެހެން ރަށެއްގައި އުޅެމުން ދިޔަނަމަވެސް ހަމަގައިމުވެސް މިރަށުގެ ދަރީންގެ ހިތުގައި ރަށަށް އޮތް ލޯބި ފަސްނުލެވި އޮންނާނެކަން ޔަގީނެވެ.
