ކޮޅަށް ތެދުވުމާއި އެކު ބޮލަށް އެނބުރުން އެރުމަކީ ބައްޔެކެވެ. މި ހާލަތަށް ސިއްހީ ނަޒަރަކުން ކިޔާ އުޅެނީ، އޯތޮސްޓޭޓިކް ހައިޕޯޓެންޝަން އެވެ. ނުވަތަ ޕޯސްޗުރަލް ހައިޕީޓެންޝަން އެވެ. މިއީ ތަނަކު އިށީނދެ ނުވަތަ އޮށޯވެ އޮތުމަށްފަހު، ކޮޅަށް ތެދުވާ ހިނދުގައި، ލޭގެ ޕުރެސަރު ދަށްވާ ދަށްވުމެކެވެ. މިގޮތަށް ލޭގެ ޕުރެސަރު ދަށްވުމުން، ބޮލަށް އެނބުރުން އަރާ، މީހާގެ ކޮންޓްރޯލު ގެއްލި ބިތްބިތަށް ދާނެއެވެ.
އާއްމުކޮށް މިއީ ކުޑަ ހިނދުކޮޅެއް ތެރޭގައި އަމިއްލައަށް ހައްލުވެދާ ކަމެކެވެ. މި ކުޑަ ހިނދުކޮޅުގެ ތެރޭގައި މިކަން ރަނގަޅުވާނަމަ، މިއީ މާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް މިކަން ރަނގަޅުނުވެ، ގިނައިރު ހުންނަ ނަމަ، ނުވަތަ ދިގުލައިގެން ދާނަމަ، ނުވަތަ ތަކުރާރުކޮށް، ގިނަގިނައިން ދިމައިވާނަމަ މިއީ ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެ ކަމެކެވެ. ފަހަރުގައި މިކަމުގެ ސިއްރަކީ ބޮޑު އެހެން ބައްޔެއް ކަމުގައިވެސް ވެދާނެއެވެ.
އޯތޮސްޓޭޓިކް ހައިޕޯޓެންޝަން ދިމައިވަނީ ގިނައިރު، އިށީނދެ އޮށޯވެ އޮތުމުން، ލޭ ދައުރު ކުރުމުގައި، "ގްރެވިޓީ" ގެ ބާރު ނުވަތަ ބިމަށްދަމާ ބާރޭ މި ކިޔާ ބާރު، ލޭ ދައުރުކުރުމުގެ އާއްމު ނިޒާމުގެ މައްޗަށް ބާރުފޯރުވުމުންނެވެ. މިހެންވަނީ، ލޭގެ ޕުރެސަރަށްވެސް އަންނަ ބަދަލުތަކަކާއި އެކުގައެވެ. އެހެނީ ހިތަށް ލޭ އެޅޭ ޕުރެސަރު ދަށްވާތީއެވެ.
މިކަން މިމަގުން ހިނގުމުގައި ތަފާތު އެކި ސަބަބުތައް ހުރެދާނޭކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހަށިގަނޑުން ފެން މަދުވެފައި ހުރުން ނުވަތަ ޑީހައިޑްރޭޑް ވެފައި ހުރުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެވެސް ހިތުގެ ބައްޔެއްގެ ސަބަބުންވެސް މިކަން މި މަގުން ހިނގާފާނެއެވެ. އަދި ހަށިގަނޑުގައި އުފައްދައިދޭ އެކި ހޯމޯންތައް އުފައްދައިދޭ ނިޒާމުގެ މައްސަލައަކުންވެސް މިކަން ދިމައިވެދާނެއެވެ. އަދި ހިއްސުދެނެގަންނަ ނާރުތަކުގެ ނިޒާމަށްވެސް ޖެހޭ މައްސަލައެއްގެ ސަބަބުންވެސް މިގޮތަށް ލޭގެ ޕުރެސަރު ދަށްވެދާނެއެވެ.
އިށީނދެ ނުވަތަ އޮށޯވެ އޮތުމަށްފަހު ކޮޅަށް ތެދުވާއިރު، ބޮލަށް އެނބުރުން އަރާ އެރުމަކީ އާއްމުކޮށް އާދަވެ ދިމައިވާ ކަމެއް ނަމަ ލަސްނުކޮށް ޑަކްޓަރަށް ދައްކަން ވާނެއެވެ. އެކަމުގެ އަސްލު ސަބަބު ހޯދާ އެއަށް ފަރުވާކުރަން ވާނެއެވެ. އެހެނީ އެއީ ބައްޔެކެވެ. އަދި އެއީ އޭގެ ސަބަބުން އަނިޔާއެއްވެސް މެދުވެރިވުން ގާތް ކަމެކެވެ. މިފަދަ ކަންކަމަށް ސަމާލުކަންތީ ސިއްހަތުގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންވާނެއެވެ.
