މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށްފަހު، ގދ. ވާދޫއާ ލ. ގަމުން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ވާދޫއާ ގަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ ރޭ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައެވެ.
މިއީ ގަމުން މި މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. މީގެކުރީން، 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން އެ ޓީމު ވަނީ ބަލިވެފައެވެ. މިއީ ވާދޫން ކުޅޭ ފުރަތަމަ ފައިނަލެވެ.
ރޭ ކުޅެވުނު ފުރަތަމަ ސެމީގައި ގަމުން ވަނީ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ރ. އިނގުރައިދޫ އަތުން 4-1 އިން މޮޅުވެފައެވެ. ދެވަނަ ސެމީގައި ވާދޫއާ ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ވާދޫ ކުރިހޯދީ 5-4 އިންނެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ގަމުން ލީޑްނެގީ އަބްދުﷲ ޖުނައިދު (ޖެންނޭ) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅަކުން ޖެންނޭ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަނަ މިނެޓުގައި ޖެންނޭ ދިން ބޯޅައަކުން ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ މިނެޓެއްފަހުން، ގަމުގެ ކެޕްޓަން އޮންލީ އަތުން ބައިކޮޅަށް ވަތް ގޯލަކުން އިނގުރައިދޫން ފަރަގު ކުޑަކުރިއެވެ. މިއީ އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޮންލީ އަތުން ވަތް ގޯލެކެވެ.
އެކަމަކު، އޭގެފަހުން މެޗުގެ 32 އާއި 33 ވަނަ މިނެޓުގައި ފުލުފުލުގައި ގަމުން ކާމިޔާބުކުރި ގޯލްތަކުން އެ ޓީމު ވަނީ މެޗުން މޮޅު ކަށަވަރުކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެންނޭ އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވި ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ސެމީގެ ދެވަނަ މެޗު ފެށިގެން މިނެޓެއްނުވަނީސް އިރުފާން އާދަމް ނަސީރު ވަނީ ކުޑަހުވަދޫ އަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ ހާރޫން އިބްރާހިމް (ހާންޑޯ) ދިން ބޯޅައަކުން އިރުފާން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަތަރު މިނެޓުފަހުން، ވާދޫ އަށް އެއްވަރުކޮށްދިނީ ނަޝާހު އަހުމަދު (ނައްޓު) އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އިޔާދު އަލީ އެވެ. އޭގެފަހުން، މެޗުގެ 11 އާއި 14 ވަނަ މިނެޓުގައި އިޔާދު ވައްދާލި ދެ ލަނޑާއެކު ވާދޫން ދެ ލަނޑުގެ ލީޑެއްނެގިއެވެ.
މެޗުގެ 16 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖުމްބެ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ 3-2 އިން ވާދޫ ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި އިޔާދު ކާމިޔާބުކުރި ގޯލާއެކު އޭނާ ހެޓްރިކް ފުރިހަމަކޮށް، ވާދޫން އަނެއްކާވެސް ލީޑް ފުޅާކުރިއެވެ. އެކަމަކު، އޭގެފަހުން ދެ މިނެޓުގެ ތެރޭގައި މާޔިސް ވަހީދު އާއި ޖުމްބެ ވައްދާލި ލަނޑުތަކުން ކުޑަހުވަދޫން ވަނީ އެއްވަރުކޮށްފައެވެ. މިއާއެކު، މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 4-4 އިން އެއްވަރުވެފައެވެ. އެހެންކަމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހުވަދޫން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިބުވީ އެންމެ ޕެނަލްޓީއެކެވެ. އެއީ، ފަސްވަނަ އަށް އެ ޓީމުގެ އަޔާޒް މުހައްމަދު ޖަހަންދިޔަ ޕެނަލްޓީ އެވެ. އެ ބޯޅަ ވާދޫގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) މަތަކުރިއެވެ. ކުޑަހުވަދޫގެ މުހައްމަދު ޝާނީޒް، އިރުފާން އާއި އިރުޝާމް އާދަމް ނަސީރު އަދި މާޔިސް ޕެނަލްޓީ ކާމިޔާބުކުރިއެވެ.
ވާދޫން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު ނާއިލް (އެޑީ)، އަހުމަދު ޝައިހާން ޖަލީލް، އިޔާދު އާއި ޔަޒްދާން އިބްރާހިމް އަދި ނައްޓު އެވެ.
