ފުރަތަމަ ފަހަރަށް އިންޑިއާގައި ހަމައެކަނި ހިންދީ ބަހުން ބޮކްސް އޮފީހުގައި އެންމެ ކާމިޔާބުވި ފިލްމު ކަމަށްވާ ޝާހްރުކް ޚާންގެ "ޕަޓާން" އޯޓީޓީ ޕްލެޓްފޯމުން ދައްކަން ތައްޔާރުވެއްޖެއެވެ. ކާމިޔާބު 50 ދުވަހު ސިނަމާތަކުގައި އަޅުވައިފައިވާ މި ފިލްމު ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަނީ ދައްކައިފައެވެ. އޭގެ ތެރޭގައި ޔޫ.އެސް.އޭ އާއި ކެނަޑާ އަދި ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެއާއި މެލޭޝިއާ ހިމެނެއެވެ. 

ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެފައިވާ "ޕަޓާން" އޯޓީޓީ ޕްލެޓްފޯމުން ދައްކަން ތައްޔާރުވެފައިވާއިރު މިފިލްމު މިހިނގާ މާރިޗު މަހުގެ 22ވަނަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯއިން ބެލޭނެއެވެ.

"ޕަޓާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދު ބުނެފައިވާ ގޮތުގައި ނަމަ އޯޓީޓީން ދައްކާ ފިލްމުގައި، ސިނަމާއިން ދެއްކި ފިލްމުން ޑިލީޓްކޮށްފައިވާ މަންޒަރުތައް ވެސް ފެނުން ގާތެވެ. 

"ޕަޓާން"އަކީ މިއަހަރުގެ ޖަނަވަރީ 25ގައި ސިނަމާތަކުގައި ރިލީޒްކުރި ފިލްމެކެވެ. ވައި.އާރު.އެފްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން މިފިލްމަކީ 04 އަހަރުގެ މެދުކެނޑުމަކަށްފަހު ޝާހްރުކް ޚާން ފިލްމަކުން ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި މިފިލްމަށް ލިބުނު ކާމިޔާބީއަކީ ޝާހްރުކް މިދާއިރާއާ ދުރުގައި ހުރި 4 އަހަރު މުޅިން ހެން ހަނދާން ނެތޭނެ ފަދަ ކާމިޔާބީއެކެވެ. 

ޝާހްރުކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑަންކީ"އާއި "ޖަވާން" ހިމެނެއެވެ. މި 02 ފިލްމަކީ ވެސް މިއަހަރުގެ ތެރޭގައި ރިލީޒްކުރަން ރާވައިފައިވާ 02 ފިލްމެވެ.