ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ.

މި ޕަރޓްނަރޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިންވެސް މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއަރ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނަރޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މައިކްރޮސޮފްޓާ އެކު މި ވެވުނު ޕާޓްނަރޝިޕާއި އެކު ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން ކަމަށެވެ. އަދި މި ޕާޓްނަރޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މައިކްރޮސޮފްޓް އާއިއެކު ވެވުނު ޕާޓްނަރޝިޕްގެ ދަށުން އޮފީސް365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވަރ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއަރޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ދަތުރު ހަލުވިވެ ދެމެހެއްޓެނިވި ވިޔާފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ އެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަޚްރޫ ވިދާޅުވީ ޓެކް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު އީޖާދީ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ހައްލުތަކަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ. އަދި އުރީދޫގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މައިކްރޮސޮފްޓް ގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާއެކު މާކެޓް ވިޔަފާރިތަކާއި ކަސްޓަމަރުންގެ މި ބޭނުންތަކަށް ހައްލުހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނަރސް، ބިން ޝެން ވިދާޅުވީ އުރީދޫ ގްރޫޕަކީ މި ސަރަޙައްދުގައި އެ ކުންފުނީގެ ޒަމާންވީ އަގުހުރި ބައިވެރިއެއް ކަމަށާއި ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީވަމުން އަންނައިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކާއި ސިނާއަތްތަކާއި ޖަމްޢިއްޔާޖަމާޢަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ޙިދުމަތްތަކާއެކު އައު ފުރުސަތުތައް ފަހި ކޮށްދިނުމަށް ވެފައިވާ ވަޢުދު ގެ ދަށުން މި ޕާޓްނަރޝިޕް ފުޅާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މައިކްރޮސޮފްޓާއެކު ވެވިފައިވާ މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުންވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެއެވެ.