ފުޒޯގެ މައި އޮފީސް ހުންނަ ގޭމިން ކުންފުންޏެއް ކަމަށްވާ ނެޓްޑްރެގަން ވެބްސޮފްޓް އިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފުޖިއަން ނެޓްޑްރެގަން ވެބްސޮފްޓްގެ ސީއީއޯއަކަށް ޓަންގް ޔޫ ކިޔާ "އޭއައި ޕަވަރޑް ވާޗުއަލް ހިއުމަނޮއިޑް ރޮބޮޓެއް" އައްޔަންކޮށްފަ އެވެ.

އެކަން އިއުލާން ކުރި ފަހުން ހޮންކޮންގުގައި ލިސްޓްކޮށްފައިވާ އެންމެ ބޮޑެތި ކުންފުނިތައް ޓްރެކް ކުރާ ހެންގް ސެންގް އިންޑެކްސް އަށް ވުރެ އެކުންފުނީގެ ސްޓޮކް ވަނީ ރަނގަޅުވެފަ ކަމަށް ދަ ހަސްލްގެ ރިޕޯޓެއްގައިވެއެވެ. ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ހިއްސާގެ އަގު 10 ޕަސެންޓް އިތުރުވެފައިވާއިރު، މިހާރު އެ ކުންފުނީގެ ހިއްސާގެ އަގު ގާތްގަނޑަކަށް 9 ބިލިއަން ހޮންކޮންގް ޑޮލަރުއަށް އަރާ ކަމަށް ގޫގުލް ފައިނޭންސް އިން ބުނެ އެވެ.

ނެޓްޑްރެގަން އިން ގަބޫލުކުރާ ގޮތުގައި ޓަންގް ޔޫ އިން ނިންމުންތައް ނިންމުމާއި ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ވަޒީފާގެ ރަނގަޅުކަން އިތުރުކުރުމުގެ އިތުރުން ހުރިހާ މުވައްޒަފުންނަށް ވެސް އިންސާފުވެރި އަދި ވަރުގަދަ މަސައްކަތު މާހައުލެއް ކުރިއެރުވޭނެ އެވެ. ނެޓްޑްރެގަންގެ ޗެއާމަން ޑެޖިއަން ލިއު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސީއީއޯގެ މަގާމަށް ޓަންގް ޔޫ އައްޔަން ކުރުމަކީ ކޯޕަރޭޓް މެނޭޖްމަންޓަށް އޭއައި ބޭނުންކުރުން އާންމުކުރުުމަށް އެކުންފުނިން ކުރާ ވައުދު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ނެޓްޑްރެގަން އަކީ 1999 ވަނަ އަހަރު އުފެއްދި މަލްޓިޕްލޭޔަރ ގޭމްތަކެއް ކަމަށްވާ ޔޫޑެމަންސް އޮންލައިން، ހީރޯސް އިވޮލްވްޑް، އަދި ކޮންކަރ އޮންލައިންގެ އިތުރުން ޗައިނާގެ ފުރަތަމަ އޮންލައިން ގޭމިން ޕޯޓަލް 17173.com އުފައްދާފައިވާ ކުންފުންޏެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެޓްޑްރެގަން އަކީ ބޮޓެއް ސީއީއޯއަކަށް އައްޔަންކުރި ފުރަތަމަ ކުންފުންޏަށްވެދާނެއެވެ.  2017 ވަނައަހަރު އަލީބާބާގެ ބާނީ ޖެކް މާ ވަނީ 30 އަަހަރުފަހުން ޓައިމްމެގަޒިންގެ ބޭރުކަވަރުގައި ބެސްޓް ސީއީއޯގެ ގޮތުގައި ރޮބޮޓެއް ފީޗަރ ކުރާނެކަމަށް ލަފާކޮށްފައެވެ. ސޮފްޓްވެއާ އިންޖިނިއަރިން އާއި ނޫސްވެރިކަން ހިމެނޭ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް އިން ބަދަލުކުރެވިދާނެ ބައެއް ވަޒީފާތައް ހުރި ނަމަވެސް އޭގެ ތެރޭގައި ޗީފް އެގްޒެކެޓިވް ނުހިމެނޭ ކަމަށް އިންސައިޑާ އިން ބުނެއެވެ.