މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އިއްޔެ ބޭއްވިއިރު ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

އެ މުބާރާތުގެ ފަހުގެ ބުރެއްގައި އާލިން ބްރައުޓް ހާލަންޑާ ދެކޮޅަށް ބަޔާނުން ނިކުންނަން ގިނަ ބަޔަކު ބޭނުންވި ނަމަވެސް މި ފަހަރު ދިމާވި ގޮތަކީ މިއީ އެވެ. ކޮންމެ ހާލަތެއްގައި ވެސް ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ ޗެލެންޖާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. 

"އެއީ ވަރަށް އުނދަގޫ ޑްރޯ އެއް. އަހަރެމެން އެންމެން އެއްކޮށް ގުރުއަތުލުން ބެލީ،"

"އަހަރެމެން މި މުބާރާތް ކާމިޔާބުކޮށްފިނަމަ އެއީ ނަސީބު ރަނގަޅު ކަމުން ލިބުނު ތަށްޓެކޭ ބުނާނެ ޖާގައެއް ނޯންނާނެ. ގްރޫޕް ސްޓޭޖުގައި ޕީއެސްޖީއާ އެއްކޮށް އުނދަގޫ ގްރޫޕެއްގައި އޮވެ، އަހަރެމެންނަށް މި ހިސާބަށް އާދެވުނީ. އަނެއްކޮޅުން ސެމީގައި ވާދަކުރަންޖެހޭ މެޗަކީ ވެސް ޓޮޕް ކްލާސް މެޗަކަށް ވާނެ." ނާގަލްސްމަން އިތުރަށް ބުންޏެވެ.

އުމުރުން 35 އަހަރުގެ ނާގަލްސްމަން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރުމާ ހަމައަށް ކުރި ދަތުރާއި (ޕީއެސްޖީ، ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލާ ވާދަކުރިގޮތް) މި އަހަރުގެ މުބާރާތުގައި ބަޔާނުން މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ކުރިއަށް އޮތް ބުރުގައި ވާދަކުރަންޖެހޭ ގޮތުން އެ ދެ ޓީމުގެ ދަތުރު އެއްގޮތްކޮށްފައެވެ.

މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ މެޗުތައް. --ފޮޓޯ: ޔުއެފާ.ކޮމް

ނާގަލްސްމަންއާ ޕެޕް ގާޑިއޯލާގެ ޓެކްޓިކަލް ކުރިމަތިލުމަކީ ގިނަ ބައެއް ޝައުގުވެރިކަން އުފެދޭނެ މެޗެކެވެ. ގާޑިއޯލާގެ މެޗުތައް ބެލިނަމަވެސް އޭނާގެ ސްޓައިލް ކޮޕީ ނުކުރާ ކަމަށް ނާގަލްސްމަން ވަނީ ބުނެފައެވެ. 

"ބާސެލޯނާގައި ޕެޕް ހުރި ދުވަސްވަރުގައި ގިނަ މެޗުތަކެއް ބެލިން. އަދި ފަހުން ބަޔާން އާއި ސިޓީގެ މެޗުތައް ވެސް ބެލިން. އެކަމަކު، އަހަރެން ދުވަހަކުވެސް އެހެން ކޯޗެއްގެ ޓެކްޓިކްސް ކޮޕީއެއް ނުކުރަން،"

"ޕެޕްގެ ޓީމުތަކުގެ ކުޅުން ބެލުމަކީ ޝައުގުވެރި ކަމެއް. އޭނާގެ ޓީމުތަކުން ކުޅެނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ވަރަށް ގަޔާވާ ކަހަލަ އެޓޭކިން ފުޓްބޯޅައެއް." ނާގަލްސްމަން ބުންޏެވެ.

ނިންމާލަމުން ނާގަލްސްމަން ބުނީ، މިދިޔަ އަހަރުގެ މުބާރާތުން ކެޓިއިރު ފުރަތަމަ ލެގުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ ކަމަށެވެ. އެކަމަކު، ދެވަނަ ލެގުގައި ކުޅުން ރަނގަޅުކުރި ނަމަވެސް އަނެއް ބުރަށް ދިއުމުގެ ދޮރު ބަންދުވީ ކަމަށެވެ. އެހެންކަމުން މި ފަހަރުގެ އަމާޒަކީ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗު ކާމިޔާބުކޮށް، އަނެއް ބުރުން ޖާގަ ހޯދުން ކަމަށް ނާގަލްސްމަން ވަނީ ބުނެފައެވެ. 

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް:

ބެންފީކާ - އިންޓަ މިލާން

މެންޗެސްޓާ ސިޓީ - ބަޔާން މިއުނިކް

ރެއާލް މެޑްރިޑް - ޗެލްސީ

އޭސީ މިލާން - ނަޕޯލީ