ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކެރަމް އެތުލީޓުގެ މަގާމު އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދު ހޯދައިފި އެވެ.

މިއީ މި ދެ ކުޅުންތެރިން ވެސް މި އެވޯޑް ހާސިލްކުރި ދެވަނަ ފަހަރެވެ. މީގެކުރީން، 2022 ވަނަ އަހަރު ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ފުރަތަމަ ހަފްލާގައި ވެސް އެންމެ މޮޅު ކެރަމް އެތުލީޓުންނަށް ހޮވުނީ އަޒްމީން އާއި ވިދާދު އެވެ. އެ ފަހަރުގެ އެވޯޑް ދީފައިވަނީ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބަލައިފައެވެ.

މިދިޔަ އަހަރު ބޭއްވުނު ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން އަޒްމީން އާއި ވިދާދު ހޯދާފައިވާއިރު، އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި މި ދެ ކުޅުންތެރިންގެ ނަތީޖާތައް ރަނގަޅެވެ.

މި އަހަރުގެ އެވޯޑަށް އަޒްމީންއާ އެންމެ ގާތުން ވާދަކުރީ އާދަމް އަދީލް އާއި މުހައްމަދު މުންތަސިރު އެވެ. އެންމެ މޮޅު އަންހެން ކެރަމް އެތުލީޓުގެ އެވޯޑް ވިދާދު ހާސިލްކުރީ އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގެ ތެރެއިން ގައުމީ ފިރިހެން ކެރަމް ޓީމާއި އަންހެން ޑަބަލްސް ޕެއާ ފަސްޓް ލޭޑީ ފަޒްނާ އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ރައީސް އޮފީސް

މި ހަފްލާގައި ދެވުނު އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހާސިލްކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު، އަޒްނީން ރަޝާދު އެވެ.

މީގެއިތުރުން، މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރަށް ރަން ވަަނަތަައް ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކޮށް، ފައިސާގެ އިނާމް ދިނުން ވެސް އޮތެވެ. އެގޮތުން، މިދިޔަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ގައުމީ ފިރިހެން ޓީމު އަދި އަންހެން ޑަބަލްސް ޕެއާ (ފައިނާޒް އާއި ވިދާދު) އަށް ވެސް ފައިސާގެ އިނާމް ލިބިފައިވެއެވެ.

"ފެނިގެން މިދިޔައީ މިނިސްޓަރ މަހުލޫފް ހުރިހާ ކުޅިވަރަކާ ދޭތެރޭ ބަހައްޓަވާ ހަމަހަމަކަން. ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ހުރިހާ ކުޅިވަރެއް ކުރިއަރުވަން މަސައްކަތްކުރި ކުރުމުގެ ފޮނި ނަތީޖާ މިއީ. މިނިސްޓަރ ކުޅިވަރަށް ދެއްވާ ކޮމިޓްމަންޓް އަށް ހަމަ ހެޓްސްއޮފް،" ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އިސްވެ ހުންނަވައިގެން، އެ މިނިސްޓްރީން ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.