ސިއްހަތަށް ފައިދާހުރި ކާނާއަކީ އަހަރެމެންގެ ނަފްސާނީ ސިއްހަތާ ވަރަށް ގާތުން ގުޅިފައިވާ އެއްޗެކެވެ. މި ކާނާތަކަކީ މޫޑު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކާނާތަކެކެވެ.

 

އަހަރެމެންނަށް އިޙްސާސް ކުރެވޭގޮތުގައި އަހަރެމެން ކާ ކާނާގެ ދައުރު ވަރަށް ބޮޑެވެ. ނިއުޓްރިޝަނާއި ނަފްސާނީ ދުޅަހެޔޮކަން ގުޅުވައިދޭ ދިރާސާތައް ފާއިތުވި ދިހަ އަހަރު ތެރޭގައި އުފެދިފައިވާއިރު، ވަކި ކާނާތަކަކީ އަހަރެމެންގެ ސިކުނޑީގައި ސެރޮޓޮނިން އިތުރުވުމާ ގުޅުން ހުރި ކާނާތަކެކެވެ. "ހެޕީ ހޯރމޯން" ގެ ނަމުން ނަންދެވިފައިވާ ސެރޮޓޮނިން އަކީ އަހަރެމެންގެ މޫޑު ރަނގަޅު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކެމިކަލެކެވެ. ސެރޮޓޮނިންގެ މިންވަރު ދަށްވުމަކީ މޫޑު ސަކަރާތްވުމަށް މަގުފަހިވާ ކަމެކެވެ.

 

ޑާކް ޗޮކްލެޓް

ދިރާސާތަކުން ދައްކާ ގޮތުގައި ޑާކް ޗޮކްލެޓުން މީހާގެ މޫޑަށް ހެޔޮ އަސަރުތަކެއް ކުރެއެވެ. ޗޮކްލެޓްގައި ހުންނަނީ އުފާވެރިކަމުގެ އިހުސާސާ ގުޅިފައިވާ މައިގަނޑު ތިން މާއްދާއެއް ކަމަށްވާ ޓްރިޕްޓޯފަން، ތިއޮބްރޯމިން އަދި ފެނިލެތައިލަނިން އެވެ. ޓްރިޕްޓޯފަން އަކީ ސިކުނޑިން ސެރޮޓޮނިން އުފެއްދުމަށް ބޭނުންކުރާ އެމިނޯ އެސިޑެކެވެ. ތިއޮބްރޮމިން އަކީ މޫޑު ރަނގަޅުކޮށްދޭ ސްޓިމިއުލަންޓެކެވެ. މީގެ އިތުރުން ފެނިލެތައިލަނިން އަކީ އެންޓިޑިޕްރެސެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޑޮޕަމިން އުފެއްދުމަށް ހަށިގަނޑުގައި ބޭނުންކުރާ އަނެއް އެމިނޯ އެސިޑެވެ. އެހެންކަމުން ޗޮކްލެޓް ކެއުމުން އުފާވެރިކަން އިހުސާސްވެއެވެ.

 

ދޮންކެޔޮ

"ގުޑް މޫޑް ފުޑް" ދޮންކޭލަށް ކިޔާ އުޅެއެވެ. ދޮންކޭލަކީ ނުސީދާ ގޮތެއްގައި މޫޑު ރެގިއުލޭޓް ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސެރޮޓޮނިން އުފެއްދުމަށް ހަށިގަނޑަށް ވިޓަމިން ބީ6 ބޭނުންވާއިރު، ޚާއްޞަކޮށް ދޮންކޭލަކީ މި ނިއުޓްރިއެންޓް ގިނައިން ހުންނަ އެއްޗެކެވެ. މެދު ސައިޒުގެ އެއް ދޮންކެޔޮ ވަކުގައި 0.4 މިލިގްރާމް އާއި ހަމައަށް ވިޓަމިން ބީ6 ހުންނައިރު، މިއީ ދުވާލަކު ކެއުމަށް ލަފާދޭ މިންވަރުގެ ގާތްގަނޑަކަށް %25 އެވެ.

 

ކާށި

ކާށީގައި މީޑިއަމް ޗެއިން ޓްރައި-ގްލިސެރައިޑްސް ގިނައިން ހުންނައިރު، މިއީ ހަކަތަ އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި މޫޑް ފުޑްގެ ގޮތުގައި ބަލާ އަނެއް ސަބަބަކީ 2017 ވަނަ އަހަރު ޖަނަވާރުތަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކާށިކިރުން ލިބޭ އެމްސީޓީތަކުން ހާސްކަން ކުޑަކުރުވައެވެ. އިންސާނުންގެ ހާސްކަމާއި ކާއްޓާއި އޮންނަ ގުޅުން ފުރިހަމައަށް ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.

 

ކޮފީ

މިއީ ދުނިޔޭގައި ތިބި 1 ބިލިއަން ކޮފީ ބޯ މީހުންނަށް ޚާއްޞަ އެއްޗެކެވެ. ކޮފީން ދުނިޔެއަކީ އުފާވެރި ތަނަކަށް ހަދައިދެއެވެ. 2016 ވަނަ އަހަރުގެ މެޓާ އެނަލިސިސްއަކުން ނިންމާފައިވާ ގޮތުގައި ކޮފީ ބުއިމަކީ ޑިޕްރެޝަންގެ ނުރައްކާ ކުޑަވުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އަނެއް ކުޑަ ދިރާސާއަކުން ނިންމާފައިވާ ގޮތުގައި ކޮފީ ކެފެއިން އެކުލެވޭ ކޮފީ ބޯމީހުން ކެފެއިން ނެތް ބުއިން ބޯ މީހުންނާ އަޅާބަލާއިރު މޫޑު ވަރަށް ބޮޑަށް ރަނގަޅުވެ އެވެ.

 

އެވޮކާޑޯ 

 މި ކްރީމީ މޭވާއަކީ ކޮލިން ހިމެނޭ ނިއުޓްރިއެންޓްސް ގިނައިން ހިމެނޭ މޭވާއެކެވެ. މިއީ ހަށިގަނޑުން ނާރުތަކުގެ ނިޒާމާއި މޫޑު ރެގިއުލޭޓް ކުރުމަށް އެހީވެދޭ މޭވާއެކެވެ. 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެވޮކާޑޯގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ސަރުބީތަކަކީ އަންހެނުންގެ ހާސްކަން ކުޑަވުމާ ގުޅުން ހުރި އެއްޗެކެވެ. އެވޮކާޑޯ ގިނައިން ބޭނުން ކުރަން ޖެހޭ އަނެއް ބޮޑު ސަބަބަކީ އެވޮކާޑޯގައި ވިޓަމިން ބީ ގިނައިން ހުރުމާއި، މިއީ ސްޓްރެސްގެ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭ އެއްޗެއްކަމަށް ދިރާސާތަކުން ދެއްކުމެވެ.

 

ބެރީސް 

ގިނައިން މޭވާ ބޭނުންކުރުމަކީ ވެސް ނަފްސާނީ ސިއްހަތު ރަނގަޅުވުމާ ގުޅުން ހުރި ކަމެއްކަން އެނގޭ ތޯއެވެ؟ 2016 ވަނަ އަހަރު ކުރި މެޓާ އެނަލިސިސްއަކުން ދައްކާ ގޮތުގައި މޭވާ އާއި ތަރުކާރީ ކެއުމަކީ ނަފްސާނީ ސިއްހަތު ރަނގަޅުވުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ޚާއްސަކޮށް ބެރީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭއިރު، ފްލެވަނޮއިޑްސްވެސް ޑިޕްރެޝަންގެ އަލާމާތްތައް ކުޑަކޮށްދެއެވެ. ބައެއްމީހުންނަށް ބްލޫބެރީ ޖޫސް ދިން ދިރާސާއަކުން ބްލޫބެރީ ކެއުމާއި މުސްކުޅިވުމާ ގުޅުން ހުރި ކޮގްނިޓިވް ޑިކްލައިން ލަސްވުމާ ގުޅުން ހުރި އުއްމީދީ ނަތީޖާތަކެއް ފެނިފައިވެ އެވެ.

 

ފަރމެންޓްކުރެވިފައިވާ ތަކެތި

ކިމްޗީ، ކޮމްބޫޗާ އަދި ޔޯގަޓް ފަދަ ފަރމެންޓޭޝަން ޕްރޮސެސްއެއްގެ ތެރެއިން އުފައްދާ ކާނާތަކުން ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭއިރު، މޫޑު ރަނގަޅު ކުރުމަށް ވެސް އެހީތެރިވެދެއެވެ. ފަރމެންޓޭޝަން ޕްރޮސެސްގެ ސަބަބުން ޕްރޮބަޔޮޓިކްސް އުފެދެއެވެ. އެއީ އިންސާނުންގެ ގޮހޮރުގައި ހުންނަ ދުޅަހެޔޮ ބެކްޓީރިއާތަކަށް ސަޕޯޓް ކުރާ އެއްޗެކެވެ. ސުވާލަކީ އިންސާނާގެ ގޮހޮރާ މޫޑާ އޮތީ ކޮން ގުޅުމެއް ހެއްޔޭއެވެ؟ ހަށިގަނޑުން އުފައްދާ ސެރޮޓޮނިންގެ %90 އާއި ހަމައަށް އުފެދެނީ ގޮހޮރުގެ ސެލްތަކުންނެވެ. އެހެންކަމުން ފަރމެންޓްކޮށްފައިވާ ކާނާ ކެއުމުން ސެރޮޓޮނިން އުފެއްދުން ރަނގަޅު ވެ މޫޑު ރަނގަޅުވެއެވެ.

 

މަޝްރޫމް

މަޝްރޫމްގައި ވިޓަމިން ޑީ އެކުލެވިގެންވާއިރު، މިއީ އެންޓިޑިޕްރެޝަން އާއި ގުޅިފައިވާ ވިޓަމިނެކެވެ. އަދި މިއީވެސް މޫޑު ރަނގަޅުކޮށްދޭ އެއްޗެކެވެ. މަޝްރޫމްގެ ވިޓަމިން ޑީގެ އެންމެ ބޮޑު ފައިދާއެއް ހޯދުމަށްޓަކައި ކައްކާލުމުގެ ކުރިން އިރުކޮޅަކަށް އިރުގެ އަލި ލިބޭގޮތަށް ބެހެއްޓުމަށްފަހު ދެން ކައްކާށެވެ.