އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބުކާޔޯ ސަކާގެ މޮޅު ކުޅުމާއެކު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް، އާސެނަލުން ތާވަލްގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. މި މެޗުން އާސެނަލް މޮޅުވީ 4-1 އިންނެވެ.
މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެވެ. އޭގެ 8 ޕޮއިންޓް ފަހަތުން އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 26 މެޗުން 50 ޕޮއިންޓެވެ. ހަތަރެއްގައި ޓޮޓެންހަމް ހޮޓްސްޕާ އޮތީ 28 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ.
މިރޭގެ މެޗަށް ނިކުތުމުގެ ކުރީން މިދިޔަ ހުކުރު ދުވަހު ޕެލަސް އިން ވަނީ ނަތީޖާތައް ދަށްވުމުން ކޯޗު ޕެޓްރިކް ވިއޭރާ މަގާމުން ދުރުކޮށްފައެވެ. ޕެލަސް އެންމެ ފަހުން ކުޅުނު 13 މެޗުން މޮޅެއް ހޯދިފައިނުވާއިރު، ލީގުގައި އެ ޓީމު މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ތިން ޕޮއިންޓް ކުރީގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑްނެގީ 28 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީގެ ވާތު ފައިން ޖެހި ގޯލުންނެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އާސެނަލްގެ ލީޑް ފުޅާކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދޭން އެހީތެރިވި އިނގިރޭސި ވިންގް، ސަކާ އެވެ. މިއީ އާސެނަލްގެ ކަނާތު ފުލްބެކް ބެން ވައިޓް ދިން ޕާހަކުން ސަކާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ގްރޭނިޓް ޒާކާ އެވެ. ޒާކާ މި ލަނޑުޖެހީ އެ ޓީމުގެ ބެލްޖިއަމް ވިންގް، ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުންނެވެ.
މެނޭޖަރެއްނެތި، އަދި 2023 ވަނަ އަހަރުގައި މޮޅެއް ހޯދިފައިނުވާ ޕެލަސްގެ ހަމައެކަނި ލަނޑުޖެހީ ޖެފްރީ ޝްލޫޕް އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޝްލޫޕް މި ލަނޑުޖެހީ ޕެލަސް އިން ނެގި ކޯނަރެއްގެ އެހީގައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި އާސެނަލަށް އަލުން ތިން ލަނޑުގެ ދަމަހައްޓައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއްދެއްކި ސަކާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފަހު ހާފުގައި ކުޅެން ނިކުތް ކިއެރަން ޓިއާނީ އެވެ.
