ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މިރޭ 8-4 ގެ ނަތީޖާއަކުން ގދ. ވާދޫ ބަލިކޮށް ލ. ގަމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ގަމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ފައިނަލްގައި ކުޅުނު ދެވަނަ ފަހަރެވެ. މީގެކުރީން، 2018 ވަނަ އަހަރުގެ ފައިނަލްގައި މާފަންނު އަތުން ބަލިވީ އެވެ. އަނެއްކޮޅުން، ގަމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި އުފުލާލި ފަސްވަނަ ޓީމެވެ. މި މުބާރާތް މިހާތަނަށް ހޯދާފައިވަނީ ތ. ތިމަރަފުށި (ތިން ފަހަރު) އާއި މާފަންނާއި ހެންވޭރުގެ އިތުރުން ބ. ހިތާދޫ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ގަމުން ލީޑްނެގީ އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅައަކުން ހުސެއިން ނާޝިދު (ނާއްޓޯ) ކާމިޔާބުކުރި ގޯލުންނެވެ. ނާއްޓޯ ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފައެވެ.
އޭގެ މިނެޓެއްފަހުން، ގަމުގެ ދެވަނަ ލަނޑުޖަހައިދިނީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އައްމަޑޭ އެވެ. އަދި އޭގެފަހުން، މެޗުގެ 11 ވަނަ މިނެޓުގައި ދުރު ޕެނަލްޓީއަކުން އައްމަޑޭ ވަނީ ގަމުގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ ވާދޫގެ ފަސް ފައުލް ހަމަވެފައިވަނިކޮށް އޭގެފަހުން ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އަށް ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ކުރި ފައުލަކަށް ރެފްރީ ދިން ދުރު ޕެނަލްޓީއެކެވެ.
މި މެޗުގައި ވާދޫން ޖެހި ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި މުހައްމަދު އިޔާދު އަލީ ކާމިޔާބުކޮށްދީފައިވަނިކޮށް އޭގެ މާގިނައިރު ތަކެއްނުވަނީސް އައްމަޑޭ އަށް އިޔާދު ކުރި ފައުލަކަށް އަނެއްކާވެސް އައްމަޑޭ ވަނީ ދުރުން ފޮނުވާލި ޕެނަލްޓީއަކުން ގަމުގެ ތިން ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. އޭގެފަހުން، އަނެއްކާވެސް މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ދުރު ޕެނަލްޓީއަކުން އައްމަޑޭ ވަނީ ހެޓްރިކް ފުރިހަމަކޮށް ގަމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ގަމުގެ ފަސް ފައުލް ހަމަވެފައިވަނިކޮށް ވާދޫގެ ކެޕްޓަން އަޔާ އަށް ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ފައުލްކުރުމާ ގުޅިގެން ލިބުނު ދުރު ޕެނަލްޓީއަކުން އެ ޓީމުގެ މުހައްމަދު ނާއިލް (އެޑީ) ވަނީ ނަތީޖާ 6-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، ގަމުގެ ލީޑް ފުޅާކުރުމަށް އައްމަޑޭ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މިފަހަރު އައްމަޑޭ ފޮނުވާލި ޕެނަލްޓީ ވާދޫގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) މަތަކުރިއެވެ. މި ހާފު ނިމުމުގެ ކުރީން، ވާދޫން ވަނީ އިތުރު ގޯލެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީއަކުން މި ލަނޑުޖަހައިދިނީ ނާއިލް (އެޑީ) އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި އެޑީ ވަނީ ހެޓްރިކް ފުރިހަމަކޮށް، ވާދޫ އަށް ފަރަގު އިތުރަށް ކުޑަކޮށްދީފައެވެ. ގަމުން މި މެޗުގައި ޖެހި ހަތްވަނަ ލަނޑު، 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެންނޭ އެވެ. އަދި އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ 8 ވަނަ ލަނޑުޖަހައިދިނީ ތޮއްޕޭ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ކިންގ އޮފް ފުޓްސަލް އަށް ހޮވުނީ ގަމުގެ ކެޕްޓަން އޮންލީ އެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ ވާދޫގެ އިޔާދު އެވެ. މުބާރާތުގެ ގަދަ ފަހެއްގައި އޮންލީގެ އިތުރުން ދެން ހިމެނުނީ؛ ތޮއްޕޭ، އަޔާ، އިޔާދު އަދި ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ބެސްޓް ސަޕޯޓިންގ ޓީމަކަށް ހދ. ނައިވާދޫ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ދ. ކުޑަހުވަދޫ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުޑަހުވަދޫގެ ކޯޗު، އަހުމަދު ރިލްވާން (ރިލޭ) އެވެ. މި ފަހަރު ވެސް އެންމެ މޮޅު ރެފްރީ އަކަށް ހޮވުނީ އަހުމަދު މުނީރު (މުންނަ) އެވެ.
