ލޮނުމެދަކީ އޭގައި އެތައްގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޮނުމެދު ތަފާތު ގޮތްގޮތަށް ބޭނުން ކޮށްއުޅެއެވެ. ސިއްހީ އެކި މައްސަލަތަކުގައި ގޭގައި ދެވޭ ފަރުވާއެއްގެ ގޮތައް ލޮނުމެދު ގިނަ ގައުމުތަކުގައި ބޭނުން ކޮށްއުޅެއެވެ. އޭގެތެރެއިން ލޮނުމެދުތެލަކީ އެންމެ އާންމު އެއްބާވަތެވެ.
ލޮނުމެދުތެޔޮ ފަސޭހަކަމާއި އެކު ގޭގައި ތައްޔާރުކޮށްލުމަށް ބޭނުންވާނީ ލޮނުމެދު އަދި ތެޔޮފުޅިއެކެވެ. ތެލުގެ ގޮތުގައި އޮލިވް އޮއިލް ނުވަތަ ކާށިތެޔޮވެސް ބޭނުންކުރެވިދާނެއެވެ. އެންމެ ފުރަތަމަ ލޮނުމެދު ބޮނޑި ތުނިކޮށް ފޮތިފޮއްޗަށް ކޮށާލާށެވެ. އެއަށްފަހު ތެޔޮކޮޅު ތެރެއަށް ކޮށާފަހުރި ލޮނުމެދުކޮޅު އަޅައިގެން ކައްކާލުމަށްފަހު ބިއްލޫރި ފުޅިއަކަށް އަޅާފައި ބެހެއްޓިދާނެއެވެ. ލޮނުމެދު ތެޔޮފުޅީގެ ތެރެއަށް ސައިސަމްސަލެއްގެ ބްލެކް ސީޑް ވެސް އެޅިދާނެއެވެ. ބްލެކް ސީޑަކީ ބަލިތަކަށް ފަރުވާ އެއްކަމަށް ސުންނަތުން ސާބިތުވާ މޮޅު ބޭހެކެވެ.
ތުއްތުކުދިން ރޯގާޖެހި ކެއްސާ ނަމަ ލޮނުމެދު ތެޔޮ ސަމްސަލެއް ބޯންދެވިދާނެއެވެ. މެޔާއި ބުރަކަށީގައި އުނގުޅާލުމުން ރޯގާ ބަލިމަޑުކަމުން ލުއިލިބޭނެއެވެ. މިފަހަކަށް އައިސް ވަރަށް ގިނަ ގޭގޭގައި ކުދިން ރޯގާ ޖެހުމުން މިތެޔޮބޭނުންކުރާކަން ފާހަގަވެއެވެ. ރޯގާޖެހޭ ކޮންމެ ފަހަރަކު ކުދިންނަށް ބާރުގަދަ ބޭސް ނުދީ ލޮނުމެދު ތެލުން ލުއިލިބޭތޯ ބެލިދާނެއެވެ. މިއީ ރާއްޖޭގެ ރައްރަށުގައި މީގެ ޒަމާންތަކެއް ކުރިންވެސް ބޭނުންކޮށްފައިވާ ތެލެކެވެ.
ލޮނުމެދުތެލަކީ ހަމައެކަނި ރޯގާއަށް ބޭނުންކުރެވޭ އެއްޗެއްނޫނެވެ. ލޮނުމެދު ތެލުން އޮށާޅަ އަދި ބިހި ނައްތާލާ ހަންގަނޑު ސާފުކޮށްދިނުމަށް އެހީވެދެއެވެ. ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ، ލޭގެ ޕްރެޝަރ އަދި ހަކުރުބައްޔާއި ކޮލެސްޓްރޯލް އަށް ވެސް ފައިދާހުރި ލޮނުމެދު ތެލަކީ އިސްތަށިގަނޑު ވަރުގަދަކޮށް ބޮލުން ހަންފޮޅުން ހުއްޓުވަން ވެސް ބޭނުންކުރާ ތެލެކެވެ.
