ފީފާ އެކުވެރިކަމުގެ މެޗެއްގައި މިއަދު ހަވީރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 1-0 އިން ޕާކިސްތާން ބަލިކޮށްފައެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން ޕާކިސްތާނާ ދެކޮޅަށް ރާއްޖޭ ކުޅުނު ފުރަތަމަ ފަހަރެވެ. އެ ފަހަރު މާލޭގައި ކުޅުނު ފުރަތަމަ މެޗުގައި ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ސިންގަޕޫރާއި މެލޭޝިއާއާ ވާދަކުރި ފަހުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ. މީގެއިތުރުން، މިއީ މާލެ އާއި އައްޑޫ ނޫން ސަރަހައްދެއްގައި ބައިނަލްއަގުވާމީ މެޗެއް ކުޅެވުނު ފުރަތަމަ ފަހަރެވެ. މިއަދުގެ މެޗު ކުޅެފައިވަނީ ލ. ގަމު ޒޯން ސްޓޭޑިއަމްގައެވެ.

މިއަދުގެ މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި މުޅިން ވެސް ތިބީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. ކެޕްޓަނަކަށް ސަމޫހު އަލީ (ސަމުއްޓެ) ހުރިއިރު، ގޯލް ބެލެހެއްޓީ ހުސެއިން ޝަރީފް އެވެ. އަދި މީގެކުރީން، އާއްމުކޮށް ގައުމީ ޓީމުގައި ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވާ ހުސެއިން ޝިފާއު (ކުރޯ)، ހުސެއިން ނިހާން (ނިހާޓް) އާއި އިބްރާހިމް އައިސަމް އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވެއެވެ. މީގެއިތުރުން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) މި މެޗު ފެށީ ބެންޗުންނެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރީން ދެ ޓީމުގެ ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 21 ވަނަ މިނެޓުގައި ރާއްޖެ އަށް ކާމިޔާބުކޮށްދިނީ އައިސަމް އެވެ. މިއީ ހަމްޕު ނެގި ކޯނަރަކުން ލިބުނު ބޯޅައެއް އައިސަމް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފަހުބައިގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ ބަދަލުގައި ދަގަނޑޭ ކުޅެން ނިކުމެފައިވާއިރު، އިތުރުވަގުތުގައި ރާއްޖޭގެ ހުނަރުވެރި މިޑްފީލްޑަރު އައިސަމް އަށް ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލައިފައިވެއެވެ. އެއީ ބޯޅަ ނެތީސް ޕާކިސްތާންގެ ކުޅުންތެރިއަކު ގައިގަ ޖެހުމުންނެވެ. މި މެޗުގައި ޕާކިސްތާންގެ ކެޕްޓަންކޮށް، ގޯލް ބެލެހެއްޓީ ހަނީފް ސާގިބް އަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ލީގުގައި ކުޅެފައިވާ ކީޕަރެކެވެ.