މިހާރު ކުރިއަށްދާ ވިމެންސް ޕްރިމިއާ ލީގު (ޑަބްލިއުޕީއެލް) ގައި މިރޭ ކުޅުނު މެޗުގައި އުއްތަރު ޕްރަދޭޝް ވޯރިއާސް ބަލިކޮށް ދިއްލީ ކެޕިޓަލްސް އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި އަހަރުގެ މުބާރާތް ފެށިއިރު ތަފާތު ފޯމެއްގައި އޮތް މުމްބާއީ އިންޑިއަންސް ފަހަތަށް ޖައްސާލުމަށްފަހު ދިއްލީ އިން ތާވަލްގެ އެއްވަނަ ހޯދީ ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވުމުން ނެޓް ރަން ރޭޓުންނެވެ. މި ދެ ޓީމަށް ވެސް ކުޅުނު 8 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނަ އަށް ދިޔަ ޔޫޕީ ވޯރިއާސް އަށް 8 މެޗުން ލިބުނީ 8 ޕޮއިންޓެވެ. މިއާއެކު، ޕްލޭ އޮފްގެ ދެވަނަ ޖާގަ ލިބުނީ ވެސް އެ ޓީމަށެވެ. ލީގު ބުރު ނިންމާލިއިރު ހަތަރެއްގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ފުލުގައި އޮތް ގުޖްރާތު ޖަޔަންޓްސް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ބެންގަލޫރަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ.
ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އަސްލަކަށް ބަލައިގެން މިފަހަރު މުޅިން އަލަށް އިންޑިއާގައި ކުޅެމުން އަންނަ ޑަބްލިއުޕީއެލްގެ މި އަހަރުގެ މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅޭ ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާ ގޮތަށެވެ. އެއަށްފަހު ފައިނަލްގެ އަނެއް ޖާގަ ލިބޭނީ ލީގު ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނައިގައި އޮންނަ ޓީމު ދެމެދުގައި ކުޅެވޭ ސެމީ (އެލިމިނޭޓަރ ޕްލޭ އޮފް) މެޗުން މޮޅުވާ ޓީމަށެވެ.
މުމްބާއީގެ ބްރަބޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ދިއްލީ އިން ވަނީ ފަސް ވިކެޓުން ޔޫޕީ ވޯރިއާސް ބަލިކޮށްފައެވެ. މި މެޗުގެ ޓޮސް ދިމާވުމުން ދިއްލީ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޔޫޕީ ވޯރިއާސް އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 138 ލަނޑެވެ.
މި އިނިންގްސްގައި ޔޫޕީ ވޯރިއާސް އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ބޯޅައިން 58 ލަނޑުހެދި ޓާލިއާ މެކްގްރާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން އެލީސާ ހީލީ ނުބައިވީ 36 ލަނޑަށެވެ. ދިއްލީ އިން އެންމެ ރަނގަޅަށް އުކީ އިންގްލެންޑްގެ 18 އަހަރުގެ ބެޓިންގ އޯލްރައުންޑަރު އެލީސް ކެޕްސީ އެވެ. އޭނާ ވަނީ ހަތަރު އޯވަރަށް 26 ލަނޑަށް ތިން ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކީ ރާދާ ޔާދަވް ދެ ވިކެޓްނެގިއިރު، ޖެސް ޖޮނާސަށް ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެން އަރައި، ދިއްލީ އިން ވަނީ 17.5 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 142 ލަނޑުހަދައިފައެވެ. ދިއްލީ އިން އެންމެ މޮޅަށް ކުޅުނީ 23 ބޯޅައިން 39 ލަނޑުހެދި ކެޕްޓަން މެގް ލެނިން އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޝެފާލީ ވަރްމާ އާއި މަރިޒާން ކެޕް އާއި ކެޕްސީ އެވެ. ޝެފާލީ ވަނީ 16 ބޯޅައިން 21 ލަނޑު ހަދައިފައެވެ. ކެޕް ނުބައިނުވެ 31 ބޯޅައިން 34 ލަނޑުހެދިއިރު، ކެޕްސީ ނުބައިވީ ވެސް 34 ލަނޑަށެވެ.
ޔޫޕީ ވޯރިއާސް އިން އެންމެ ރަނގަޅަށް އުކި ޝަބްނިމް އިސްމާއިލް ދެ ވިކެޓްނެގިއިރު، ސޮޕަދާނޑީ ޔަޝާރީ އާއި ސޯފީ އެކްލްސްޓޯން ކުރެން ކޮންމެ އުކުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުކުމުގެ އިތުރުން ބެޓިންގައި ތަފާތު މޮޅު ކުޅުމެއްދެއްކި ކެޕްސީ އެވެ.
ލީގު ބުރުގައި މިރޭ ކުޅުނު އަނެއް މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މައްޗަށް މުމްބާއީ އިންޑިއަންސް އިން ކުރިހޯދީ ހަތަރު ވިކެޓުންނެވެ. މި މެޗުގެ ފުރަތަމަ އިނިންގްސްގައި ބެންގަލޫރުން ކުޅެން އަރައި، ނުވަ ކުޅުންތެރިން ނުބައިވީ 125 ލަނޑަށެވެ. މުމްބާއީ އިން މެޗު ކާމިޔާބުކުރީ 16.3 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 129 ލަނޑުހަދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މުމްބާއީ އަށް ތިން ވިކެޓްނަގައިދިނުމަށްފަހު 27 ބޯޅައިން 31 ލަނޑުހެދި އަމޭލިއާ ކޭރ އެވެ.
މި މުބާރާތުގައި ދެން މެޗެއް އޮންނާނީ މި މާރިޗް މަހުގެ 24 ވާ ހުކުރު ދުވަހު އެވެ. އެ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެލިމިނޭޓާރ ޕްލޭ އޮފްގައި ޔޫޕީ ވޯރިއާސް އިން ނިކުންނާނީ މުމްބާއީ އިންޑިއަންސްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކުން އޭގެ ދެ ދުވަސް ފަހުން ފައިނަލްގައި ބައްދަލުކުރާނީ ދިއްލީއާ އެވެ.
