އެންޓި ބެކްޓީރިއަލް ރެސިސްޓެންޓް ވުމޭ މި ކިޔާ ކިޔުމަކީ ޖަރާސީމު ނައްތާލާ ބޭސްތަކުން ޖަރާސީމު ނެތިގެން ނުދިއުމެވެ. މިއީ މިއަދު ސިއްހީ ދާއިރާގައި ސިއްހީ މާހިރުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. މިކަމުގައި އަބަދުވެސް އެންޓިބައޮޓިކްސް ނުވަތަ ޖަރާސީމު މަރާ ބޭސް ބޭނުން ކުރުމުގައި ސަމާލުވުމަށް އަބަދުވެސް ސިއްހީ މާހިރުން ލަފާ ދެއެވެ. 

ޖަރާސީމު މަރާ ބޭހެއް އުފެއްދުމަކީ ބުރަ އަދި ގިނަ އަހަރުތަކެއް ހޭދަވާ ކަމެކެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ހުރި ޖަރާސީމު މަރާ ބޭސްތަކުން މަރުވުނާ ޒާތުގެ ޖަރާސީމެއް އުފެދިއްޖެނަމަ ނުވަތަ ފެނިއްޖެނަމަ އެކަން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށެވެ. 

މިކަން މިގޮތަށް އޮތްއިރު ޗިލީގެ ޔުނިވާސިޓީއެއްގެ ސައިންޓިސްޓުން 2017ވަނަ އަހަރުން ފަށައިގެން ކުރަމުން އައި ދިރާސާއަކުން، އެންޓި ބެކްޓީރިއަލް ރެސިސްޓެންޓް ޖަރާސީމެއް މި ވަނީ ފެނިފައެވެ. "ސްމާޓް މެޑިކަލްސް" ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މި ޖަރާސީމަކީ އެެންޓާޓިކާގެ ވެލިން ނެގި ސާމްޕަލް ތަކަކުން ފެނުނު ޖަރާސީމެއް ކަމަށެވެ. މިހާތަނަށް ދުނިޔޭގައި އުފައްދާ ބޭނުންކުރަމުން އަންނަ އެއްވެސް އެންޓިބައޮޓިކްސް ބޭހަކަށް ނުވަތަ ޖަރާސީމު މަރާ އެއްވެސް ބޭހަކަށް މި ޖަރާސީމެއް ނުގުޑައެވެ. ނުވަތަ މަރެއް ނުވެއެވެ.

އެންޓާޓިކާގެ ބިމަކީ ގިނަ މައުދަންތަކާއި މިނަރަލްސް އަަދި އެކިކަހަލަ މާއްދާތަކުން މުއްސަނދި ބިމެކެވެ. "ސްމާޓް މެޑިކަލްސް" ގައި އިތުރަށް ބުނެފައިވަނީ މި އެހާ މުއްސަނދި ބިމަކުން މި ޖަރާސީމު ފެނުމަކީ މި ޖަރާސީމު މަރާ ބޭހެއް ހެދުމަށް އުނދަގޫވާނޭ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ތިމާވެއްޓާއި ފިނި ހޫނުމިނަށް އަންނަ ބަދަލަކުން އިންސާނުން ދިރިއުޅޭ މާހައުލުތަކަށް މި ޖަރާސީމު ދަތުރުކުރުމުގެ ފުރުސަތުވެސް އޮވެދާނެ ކަމަށެވެ. މި ދިރާސާކުރި ސައިންސުވެރިންނާ ހަވާލާދީ ބުނެފައިވަނީ، ގަބޫލުކުރެވޭ ގޮތުގައި މި ޖަރާސީމު އުފެދިފައި ވަނީ ގިނަ މިނަރެލްތަކަކުން ބާރުލިބި ފިނިކަމުގެ ރައްކާތެރިކަމުގައެވެ.

މި ޖަރާސީމުގެ ބިރުވެރިކަން އަދި އިންސާނުންނަށް ނެތް ނަމަވެސް މި ޖަރާސީމުގެ ބިރު އިންސާނުންނަށް ނެތެކޭ ބުނާކަށް އަދި ނޭނގޭ ކަމަށްވެސް އެ ސައިންސުވެރިންނާ ހަވާލާދީ "ސްމާޓް މެޑިކަލްސް" ގައި ލިޔެފައި ވެއެވެ. އަދި މި ޖަރާސީމުގެ ސަބަބުން ކުރިމަތިވެދާނޭ ބައްޔަކީ ކޮބައިކަން ހޯދާ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްޗެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.

 

ހަވާލާ: އެތެނާ ހެލެން - ސްމާޓް މެޑިކަލްސް - 1006/2023